ފ. ހިމިތިން ހޮވި 42 ކިލޯގެ ހުދަންބަރު މާވަހަރު ފިނޭސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން އިއްޔެ އެ އަމުރު ނެރިފައި ވަނީ ހިމިތި ކިޔާ ފަޅުރަށުން ފެނުނު މާވަހަރު ބެހުމުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ފ. ނިލަންދޫ، އަބުދުލް ގާދިރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ހިމިތިން ފެނުނު މާވަހަރުގެ މައްސަލައިގައި ކޯޓުން ނެރުނު އަމުރުގައި ބުނަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފިނޭސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި މާވަހަރު ބާއްވަން ޖެހޭ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަދި މާވަހަރުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލަ ވަކި ގޮތަކަށް މައްސަލަ ނިމެންދެން މާވަހަރު ބާއްވަން ޖެހޭނީ ސަރުކާރުގެ ކަމާ ބެހޭ ފާރާތެއްގެ ބެލުމުގެ ދަށުގައި ކަން ރަށްރަށުންނާއި ކަނޑުން ހޮވާ މާވަހަރާ މެދު އަމަލު ކުރަންވީ ގޮތާ މެދު އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އެނގޭ ކަމަށާއި އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތަކީ ފިނޭސް މިނިސްޓްރީކަން އެ ގަވާއިދުގެ ފަސް ވަނަ މާއްދާ އިން އެނގޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

މާވަހަރު މައްސަލައިގައި ސިވިލް ކޯޓުގައި ކުރާ ދައުވާގައި ގާދިރު ބުނެފައި ވަނީ މާވަހަރު ފުރަތަމަ ފެނުނީ އެނާ އަށާއި ފ. ބިލެތްދޫ ތޯހާ ނަޝީދަށާއި ފ. ނިލަންދޫ އަހްމަދު ޝިޔާމްގެ އިތުރުން ފ. ނިލަންދޫ އަހްތަރު ޔޫނުސް އަށް ކަމަށެވެ.

އަދި މާވަހަރު ފެނުމުން އެއީ މާވަހަރެއް ނޫން ކަމަށް ހަތަރު މީހުން ނިންމުމަށް ފަހު އެ ރަށުން ފައިބައިގެން ދިޔައީ ކަމަށާއި ނަމަވެސް އެއީ މާވަހަރެއް ކަން އޭނާ އަށް އެނގިގެން އެ ރަށުގައި ހުރި މީހަކަށް ގުޅާފައި މާވަހަރު ފޮރުވުމަށް އެނގީ ކަމަށެވެ.

ގާދިރު އެ މައްސަލައިގައި އެދިފައި ވަނީ މާވަހަރު ވިއްކައިގެން ލިބޭ ފައިސާ އިން އެނާ އަށް ހައްގުވާ ބައި ކޯޓު މެދެވެރިކޮށް އޭނާ އަށް ލިބެން ބޭނުންވާ ކަމަށެވެ.