30 Aug 2024, 12:02
ރޭ ދަންވަރުގެ ވަގުތެއްގައި އަމީރު އަހުމަދު މަގުގައި ހުރި ތިން އޮފީހެއް ފަޅައިލާ ވައްކަންކޮށްފިއެވެ.
ފުލުހުން ބުނީ، އަމީރު އަހުމަދު މަގުގައި ހުރި ތިން ފިހާރައަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިޔާ ފިރާގުގެ "އިނާ މޯލްޑިވްސް" އޮފީސްތައް ރޭ ދަންވަރުގެ ވަގުތެއްގައި ފަޅާލާފައި--- ފޮޓޯ/ މުހައްމަދު ފިރާގު
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނި ގޮތުގައި ފަޅާލައިފައިވާ ތިން އޮފީހަކީ:
އިނާ މޯލްޑިވްސް އައިލެންޑް ޗޮއިސް
- އޭސް ޓްރެވަލްސް
- ގަތަރު ކާގޯ
މި އޮފީސްތައް ފަޅައިލާ ވައްކަންކުރި މައްސަލައިގައި އިނާ މޯލްޑިވްސްގެ އޯނަރު މުހައްމަދު ފިރާގު ވަނީ އޭނާގެ ދެ އޮފީހަކަށް ރޭ މެންދަމުގެ ވަގުތެއްގައި ހީނުކުރާ ގޮތަކަށް ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށް ބުނެފައެވެ.

ވިޔަފާރިވެރިޔާ ފިރާގުގެ "އިނާ މޯލްޑިވްސް" އޮފީސްތައް ރޭ ދަންވަރުގެ ވަގުތެއްގައި ފަޅާލާފައި--- ފޮޓޯ/ މުހައްމަދު ފިރާގު
ފޭސްބުކްގައި ފިރާގު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މުހިންމު އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް، ތަޅުތަކަށާއި މުދަލަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑު ކަމަށް ބުނެފައެވެ.
އަދި، ޒުވާނުން އެ މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ތެދުވެރި މަސައްކަތުން މަސައްކަތްކުރަން ފަށަންޖެހޭ ކަމަށާއި ވައްކަމަކީ ހައްލެއް ނޫން ކަމަށް އޭނާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ވިޔަފާރިވެރިޔާ ފިރާގުގެ "އިނާ މޯލްޑިވްސް" އޮފީސްތައް ރޭ ދަންވަރުގެ ވަގުތެއްގައި ފަޅާލާފައި--- ފޮޓޯ/ މުހައްމަދު ފިރާގު
މި ތިން އޮފީސް ފަޅައިލި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފޭސްބުކްގައި ފިރާގު ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އޮފީސް ފަޅައިލުމަށް ފަހު، އެ ތަނުގައި ހުރި ލިޔެކިޔުމާ ބައެއް ތަކެތި ވަނީ އުކާލައިފައެވެ. އެ ތަނަށް ވަދެފައިވަނީ ތަޅު ހަލާކުކޮށްލައިގެންކަން ފޮޓޯތަކުން އެނގެއެވެ.
މި ފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.