26 Jun 2012, 13:52
މިދިޔަ އަހަރުގެ ފުރަތަމަ ފަސްމަހަށްވުރެ މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރު ކަމަށް ޓޫރިޒަމު މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން މިހެން ބުނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕްރެސް ރޫމްގައި ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ނޫސްވެެރިންނާ ބައްދަލުކުރައްވާ މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހާ އަޅާބަލާއިރު ރާއްޖެއަށް ޓޫރިސްޓުން އައި ނިސްބަތަށް 1.7 ޕަސެންޓްގެ ކުރިއެރުމެއް މިއަހަރު ލިބިފައިވާ ކަމަށެވެ. މިދިއަ މޭ މަހުގެ ނިޔަލަށް 398000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް ބައި މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބީބީސީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން ޓޫރިސްޓުންނަށް އަމާޒުކޮށްގެން އެކި ގައުމުތަކުގައި ބާއްވާ ރޯޑް ޝޯތައް ހިމެނޭ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ބައި މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނައުން. އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ތަފަތު ގިނަ މަސައްކަތްތަކެއް ކުރިއަށް މިގެންދަނީ،" މަލީހު ވިދާޅުވި އެވެ.
ބައިނަލް އަގުވާމީ ބޮޑެތި މީޑިއާތަކުގައި ރާއްޖޭގެ ޓޫރިޒަމާއި ގުޅެގޮތުން ބަޔަކު ނޭދެވޭ ކެމްޕޭން ތަކެއް ކުރަމުން ދިޔަ ނަމަވެސް ރާއްޖެއާބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް އާ ސަރުކާރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިއަހަރުގެ ފެބްރްއަރީ މަހުން ފެށިގެން މިހާތަނަށް ޖެހެންދެން ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލައި ރާއްޖެއަށް ޓޫރިސްޓުން އަޔަ ނުދިނުމަށް ބަޔަކު މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެ ކެމްޕޭންތަކާ ދެކޮޅަށް ކުރި މަސައްކަތުން މި މަސް ނިމުމުގެ ކުރިން ފައިދާ ވެސް ފެނިގެންދާނެ ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުން އަންނާތީ ބަޔަކު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
"ޓޫރިޒަމްގެ މާކެޓިން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ބީބީސީއާއެކު ސޮއިކުރުމުން ވެސް ބަޔަކު ވަނީ ބީބީސީއަށް ވަރަށް ހަޑިހުތުރު އީމެއިލްތައް ފޮނުވާފައި، އެ މެއިލްތަކުގައި ބުނެފައިވަނީ ކީއްވެހޭ މިފަދަ ސަރުކާރަކާއެކު ސޮއިކުރަނީ،" އަދީބު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ. ރާއްޖޭއަށް ޓޫރިސްޓުން އަންނަ ނިސްބަތަށް ބަލާއިރު ޔޫރަޕުން 60 ޕަސަންޓު ހިއްސާކުރާއިރު މެދުއިރުމައްޗާއި އޭޝިޔާ ހިއްސާކުރަނީ 40 ޕަސަންޓެވެ.