30 Aug 2024, 10:19
މަޝްހޫރު ގިނަ އެކްޝަން ތުރިލާ ފްރެންޗައިސް ސިނަމާއަށް ގެނެސްދީފައިވާ ޔަޝް ރާޖް ފިލްމްސްގެ "ދޫމް" ހަތަރު ވަނަ ފިލްމުގެ ޑައިރެކްޓަރަކަށް އަޔާން މުކަރުޖީ އައްޔަން ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ އަންނަނީ ފިލްމުގެ ވާހަކަ ތަރައްޤީކޮށް ސްކްރިޕްޓް ލިޔާނެ ލިޔުންތެރިން ފިލްމަށް ކަނޑައެޅުމުގެ މަސައްކަތުގައި ކަމަށާއި "ދޫމް 4"ގެ ޑައިރެކްޓަރަކަށް އަޔާން ފިލްމަށް ގެންނަން އަދިތިޔަ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަޝް ރާޖް ކުންފުނީގެ ގޮތްޕެއް ކަމަށްވާ ސްޕައި ޔުނިވާސްއިން މަސައްކަތް ފަށާފައިވާ ފިލްމު "ވޯ2"ގެ ޑައިރެކްޓަރަކީ ވެސް އަޔާން މުކަރުޖީއެވެ. ފިލްމު "ވޯ2"ގެ ފުޓޭޖްތައް ބަލާލުމަށްފަހު އަދިތިޔައަށް އަޔާންގެ މަސައްކަތް މާބޮޑަށް ކަމުގޮސްފައިވާތީ ސްޕައި ޔުނިވާސްގެ އެކްޝަން ފިލްމުތަކުން ކުރިއަށް އޮތްތަނުގައި އަޔާން ޑައިރެކްޓަރެއްގެ ގޮތުގައި ފެނުން އެކަށީގެންވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބަތަލާ ކެޓްރީނާ ކައިފް އާމިރު ޚާންއާ އެކު ފިލްމު "ދޫމް 3"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
އަޔާން އަންނަނީ ފިލްމު "ވޯ 2"ގެ އިތުރުން ކާމިޔާބު ފިލްމު "ބްރައްމަސްތުރާ"ގެ ދެވަނަ ބައިގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ. މީޑިއާތަކާ ހަވާލާދީ ފިލްމީ ޚަބަރުދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އަޔާންއަށް "ދޫމް 4"ގެ ޑައިރެކްޝަން ހުށަހެޅުމުން އެކަމާ ގޮތެއް ނިންމުމަށް ވަގުތު ދިނުމަށް އަޔާން ވަނީ އެދިފައެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ދޫމް"ގެ ހަތަރު ވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށަން ގަސްތުކޮށްފައިވާއިރު ފިލްމުގައި ހިމަނާނެ ކާސްޓުން ވެސް އަދި ނުނިންމައެވެ. މީގެ 11 އަހަރު ކުރިން ރިލީޒްކުރި "ދޫމް 3"ގެ ލީޑް އެކްޓަރުންނަކީ އާމިރު ޚާން އަދި ކެޓްރީނާ ކައިފްއެވެ.