އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާގެ ހެއްވާ މަޖާ ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އައްބާސް މުސްތާން ޑައިރެކްޓްކުރި ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ"އަކީ ކަޕިލް ފިލްމީ ދާއިރާއަށް ތަޢާރަފްވި ކެރިއަރުގެ ފުރަތަމަ ފިލްމެވެ. އެންމެ 16 ކްރޯޑު ރުޕީސްއިން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 71 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ.

މި ފިލްމަކީ ވަރަށް މަޖާ ހެއްވާ ހާދިސާތަކެއް އެކުލެވޭ ފިލްމެކެވެ. ފިލްމުގައި ކަޕިލް ކުޅެފައި ވަނީ ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު އިތުރު ސިއްރު ކައިވެނިތަކެއް ކޮށް އެކަން ފޮރުވުމަށް މަސައްކަތް ކުރާ ފިރިއެއްގެ ރޯލްއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުން ކަޕިލް މި ފިލްމުގެ ދެވަނަ ބައިން ފެންނައިރު ފުރަތަމަ ފިލްމުގެ ވާހަކަ އާ ގުޅުވައިގެން ދެވަނަ ފިލްމު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މަޝްހޫރު ފިލްމުތައް ކަމަށްވާ "ބާޒީގަރު"، "ބާދުޝާ" އަދި "ރޭސް"ގެ ޑައިރެކްޓަރުން ކަމަށްވާ އައްބާސް މުސްތާނު "ކިސް ކިސްކޯ ޕިޔާރު ކަރޫ"ގެ ދެވަނަ ބައި ޑައިރެކްޓް ނުކުރާނެ ކަމަށާއި ނަމަވެސް ފިލްމުގެ އެހެން ހުރިހާ މަސައްކަތްތައް ވެސް ވަރަށް ގާތުން ބަލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޝްހޫރު ކޮމީޑިއަން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ މާޗް މަހު ރިލީޒްކުރި "ކްރޫ"އިންނެވެ. ކަޕިލް ކުޅެފައިވާ އިތުރު ފިލްމުތަކުގެތެރޭ "ޒިވިގާޓޯ" އަދި "ފިރަންގީ" ހިމެނެއެވެ.