އިޓާލިއަން ސެރީއާގެ ޔުވެންޓަސްއަށް ކުޅެމުންދިޔަ އިޓަލީވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ފެޑެރީކޯ ކިއޭސާ އިންގްލިޝް ޕްރިމިއާ ލީގުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ކިއޭސާ ލިވަޕޫލަށް ސޮއިކޮށްފައިވަނީ 10 މިލިއަން ޕައުންޑްގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެހެން ކަންތައްތަކަަށް ބަލައި އިތުރު 2.5 މިލިއަން ޕައުންޑް މި އަގަށް އިތުރު ވެދާނެކަމަށް ވެއެވެ.

ކިއޭސާ ވެފައިވަނީ ލިވަޕޫލްގެ އާ ކޯޗުގެ ދަށުން މިސީޒަންގައި އެ ޓީމާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ކިއޭސާއަކީ 2020 ވަނަ އަހަރު ޔޫރޯ މުބާރާތް އިޓަލީވިލާތުން ކާމިޔާބު ކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ލިވަޕޫލަށް ސޮއި ކުރުމަށްފަހު ކިއޭސާ ވަނީ ލިވަޕޫލަށް ސޮއި ކުރެވުމުން ވަރަށް އުފާކުރާކަން ހާމަކޮށްފައެވެ. ކިއޭސާ ހާމަކުރިގޮތުގައި ލިވަޕޫލުން އޭނާ ބޭނުންވެގެން ގުޅުމާއެކު އިތުރު ވިސްނުމެއް ނެތި އެކަމަށް އެއްބަސްވި ކަމަށެވެ.

އޭނާ ބުނިގޮތުގައި ލިވަޕޫލަކީ ތާރީހީ ގޮތުން ފާހަގަ ކޮށްލެވޭ ބޮޑު ކްލަބެކެވެ. އަދި ޓީމާ ގުޅި މަސައްކަތް ފެށުމަށް ކެތް މަދުވެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ކިއޭސާ ޔުވެންޓަސްއާ ގުޅުނު ފުރަތަމަ ސީޒަންގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް 2022 ވަނަ އަހަރުގެ ސީޒަންގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަށްފަހު އެ ކުޅުން ތަކުރާރު ކުރެވޭގޮތް ވަނީ ނުވެފައެވެ.

އޭނާ ވަނީ ޔުވެންޓަސްއަށް ކުޅުނު 131 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ. އަދި މިދިޔަ ސީޒަންގައ އޭނާ ވަނީ 37 މެޗުގައި 10 ލަނޑު ޖަހައިދީފައެވެ. އަދި އިޓަލީވިލާތުގެ ޤައުމީ ޓީމަށް 51 މެޗު އޭނާ ކުޅެދީފައިވެއެވެ.

ޔުވެންޓަސް އާ އަލަށް ހަވާލުވި ތިއާގޯ މޮޓާ ވަނީ އެ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ކިއޭސާ ޓީމުން ބާކީ ކޮށްފައެވެ.