އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި މި ފަހަރު އަލަށް ތައާރަފުކުރި ލީގު ފޭސްގެ ގުރުއަތުލުން ބާއްވައިފިއެވެ.

މޮނާކޯގެ މޮންޓެކާލޯގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ޔުއޭފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގައި ވާދަކުރާ 36 ޓީމު ލީގު ފޭސްގައި ވާދަކުރާނެ ޓީމުތަށް ވަނީ ކަނޑައަޅައިފައެވެ.

ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ހިމެނޭ ލީގު ފޭސްއަކީ ކުރިން މި މުބާރާތުގައި ކުޅުނު ގްރޫޕް ސްޓޭޖް މަރުހަލާގެ ބަދަލުގައި ތައާރަފުކުރި ބައެކެވެ. ލީގު ފޭސްގައި މި ފަހަރުގެ މުބާރާތުގައި ވާއްދަކުރާ 36 ޓީމު ލީގު އުސޫލުން އަށް ޓީމަކާ ދެކޮޅަށް އަށް މެޗު ކުޅޭނެއެވެ.

މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ދަނޑުގައި ކުޅޭ ހަތަރު މެޗާއި ރަށުން ބޭރުގައި ކުޅޭ ހަތަރު މެޗެވެ.

ކޮންމެ ޓީމެއް ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވަނީ 36 ޓީމު ޔުއޭފާގެ ކޮއެފިޝަންޓް ތަރުޓީމުން ހަތަރު ގްރޫޕަށް ބަހާލައި، ކޮންމެ ޓީމެއް ވެސް ކޮންމެ ގްރޫޕަކަށް ނިސްބަތްވާ ދެ ޓީމަކާ ބައްދަލުކުރާ އުސޫލުންނެވެ. ކޮންމެ ޓީމެއް ކުޅޭ އިދިކޮޅު ޓީމުތަން ކަނޑައަޅާފައިވަނީ މި ކަމަށް ޚާއްސަކޮށް ޔުއޭފާއިން އުފައްދާފައިވާ ކޮމްޕިއުޓާ ސޮޕްޓްވެއާއެއް ބޭނުންކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ކުރިއަށް ގެންދިޔައީ އިޓަލީވިލާތުގެ ކުރީގެ ތަޖުރިބާކާރު ގޯލްކީޕާ ޖިއާންލުއިޖީ ބޫފޯންއާއި ޕޯޗުގަލް ޤައުމީ ޓީމުގެ ކެޕްޓަންގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ގޮތުން، ޕޮޓް އެކެއްގައި ހިމެނުނު 9 ޓީމު ލީގު އުސޫލުން ބައްދަލުކުރާ ޓީމުތައް:

ރެއާލް މެޑްރިޑް

  • އަމިއްލަ ދަނޑުގައި: ބޮރޫޝިއާ ޑޯޓްމުންޑް، އޭސީ މިލާން، އާރްބީ ސާލްޒްބާގް، ސްޓުޓްގާޓް
  • ރަށުން ބޭރުގައި: ލިވަޕޫލް، އެޓަލާންޓާ، ލީލް، ބްރެސްޓް

މެންޗެސްޓާ ސިޓީ

  • އަމިއްލަ ދަނޑުގައި: އިންޓާ މިލާން، ކްލަބް ބްރޫޖް، ފެޔެނޯޑް، ސްޕާޓާ ޕްރާހާ
  • ރަށުން ބޭރުގައި: ޕީއެސްޖީ، ޔުވެންޓަސް، ސްޕޯޓިން ލިޒްބަން، ބްރަޓިސްލާވާ

ބަޔޭން މިޔުނިކް

  • އަމިއްލަ ދަނޑުގައި: ޕީއެސްޖީ، ބެންފީކާ، ޑީނަމޯ ޒަގްރެބް، ބްރަޓިސްލާވާ
  • ރަށުން ބޭރުގައި: ބާސެލޯނާ، ޝަކްޓާ ޑޮނެސްކް، ފެޔެނޯޑް، އެސްޓާންވިލާ

ޕީއެސްޖީ

  • އަމިއްލަ ދަނޑުގައި: މެންޗެސްޓާ ސިޓީ، އެޓްލެޓިކޯ މެޑްރިޑް، ޕީއެސްވީ، ޖިރޯނާ
  • ރަށުން ބޭރުގައި: ބަޔޭން މިޔުނިކް، އާސެނަލް، އާރްބީ ބާސްލްޒްބާގް، ސުޓުޓްގާޓް

ލިވަޕޫލް

  • އަމިއްލަ ދަނޑުގައި: ރެއާލް މެޑްރިޑް، ބަޔާ ލެވަކޫސެން، ލީލް، ބޮލޯނިއާ
  • ރަށުން ބޭރުގައި: ލެއިޕްޒިގް، އޭސީ މިލާން، ޕީއެސްވީ، ޖިރޯނާ

އިންޓާ މިލާން

  • އަމިއްލަ ދަނޑުގައި: ލެއިޕްޒިގް، އާސެނަލް، ކްރެވެނާ ޒުވެޒްޑާ، މޮނާކޯ
  • ރަށުން ބޭރުގައި: މެންޗެސްޓާ ސިޓީ، ބަޔާ ލެވަކޫސެން، ޔަންގް ބޯއިސް، ސްޕާޓާ ޕްރާހާ

ބޮރޫޝިއާ ޑޯޓްމުންޑް

  • އަމިއްލަ ދަނޑުގައި: ބާސެލޯނާ، ޝަކްޓާ ޑޮނެސްކް، ސެލްޓިކް، ސްޓާމް ގްރާޒް
  • ރަށުން ބޭރުގައި: ރެއާލް މެޑްރިޑް، ކްލަބް ބްރޫޖް، ޑީނަމޯ ޒަގްރެބް، ބޮލޯނިއާ

ލެއިޕްޒިގް

  • އަމިއްލަ ދަނޑުގައި: ލިވަޕޫލް، ޔުވެންޓަސް، ސްޕޯޓިން ލިޒްބަން، އެސްޓަންވިލާ
  • ރަށުން ބޭރުގައި: އިންޓާ މިލާން، އެޓްލެޓިކޯ މެޑްރިޑް، ސެލްޓިކް، ސްޓާމް ގްރާޒް

ބާސެލޯނާ

  • އަމިއްލަ ދަނޑުގައި: ބަޔޭން މިޔުނިކް، އެޓަލާންޓާ، ޔަންގް ބޯއިސް، ބްރެސްޓް
  • ރަށުން ބޭރުގައި: ބޮރޫޝިއާ ޑޯޓްމުންޑް، ބެންފީކާ، ކްރެވެނާ ޒުވެޒްޑާ، މޮނާކޯ

މީގެ އިތުރުން، ލީގު ފޭސްގައި ވާދަކުރާ އަނެއް 27 ޓީމުން ވާދަކުރާ އަށް ޓީމު ވެސް ރޭ ވަނީ ގުރު ނަގައިފައެވެ.

ވާދަކުރާ ޓީމުތައް ރޭ ކަނޑައެޅި ނަމަވެސް ވާދަކުރާނެ ތަރުތީބު ޔުއޭފާއިން އާންމު ކުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެންމެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ގުރުނެގުން ފެށުމުގެ ކުރިން ޔުއޭފާގެ ރައީސް އެލެކްޒެންޑާ ސެފެރިން ދޭ ޕްރެޒިޑެންޓްސް އެވޯޑް، ބޫފޮންއަށް ދިނުން އޮތެވެ. އަދި، ރޮނާލްޑޯއަށްވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާތީ ޚާއްސަ އެވޯޑެއް ދީފައެވެ.