26 Jun 2012, 13:41
މެލޭޝިއާގައި ކުރިއަށްދާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމް ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެއްޖެ އެވެ.
މެޗުގައި ރާއްޖޭގެ މައްޗަށް ތަޖިކިސްތާނުން ކުރި ހޯދީ 2-1 ލަނޑުންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ހާފުގައި ނެގީ ރާއްޖެއިންނެވެ. އެ ލަނޑު ރާއްޖެ އަށް ކާމިޔާބު ކޮށްދިނީ އީގަލްސްގެ ޒުވާން ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، އެއް ލަނޑުގެ ލީޑަކާ އެކު ރާއްޖެ އޮތް ނަމަވެސް ދެ ވަނަ ހާފުގައި ތާޖިކިސްތާނުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-1 ލަނޑަށް ހަމަހަމަކޮށްފަ އެވެ. އަދި އިއްޔެގެ މެޗުގައި ރާއްޖޭގެ މައްޗަށް ތަޖިކިސްތާނުން ކުރި ހޯދި ލަނޑު ވަނީ ރާއްޖޭގެ ޑިފެންޑަރު މުހައްމަދު ތޯރިގު އަތުން ބައިކޮޅަށެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވެސް ގަތަރު އަތުން 2-0 ލަނޑުން ބަލިވެފައިވާ އިރު، މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގަ އެވެ.
ރާއްޖެއާ އެކު ގްރޫޕް ސީ ފަޅިން އިއްޔެ ކުޅުނު އިތުރު މެޗްތަކަށް ބަލާ އިރު، ގަތަރު އަތުން އީރާން 2-1 ލަނޑުން މޮޅުވި އިރު، ބަހުރޭން އަތުން ކުވޭތު މޮޅުވީ 1- 0 ލަނޑުންނެވެ.