29 Aug 2024, 21:21
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނައަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ 19ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އޮންނަ މުއްދަތަށް ބަދަލު ގެންނަވައިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން، މިހާރު މި ބިލުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އަދި ހަ މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް މި އިޞްލާހުގައި ވަނީ ކަނޑައަޅާފައެވެ.
ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތަށް ވެސް ވަނީ އިޞްލާހު ގެނެވިފައެވެ.
އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ހަ މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި 5,000,000 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި ހަ މަސް ދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި 10,000,000 އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ޓޫރިޒަމާބެހޭ ޤާނޫނުގެ ފަސް ވަނަ މާއްދާ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުމަށް ގެނެވުނު އިޞްލާޙަށް ބަލާއިރު، ދެން ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ 5,000,000 ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ އެ ދައްކައި ޚަލާސްކުރުމުން ކަމަށް ވަނީ ބުނެފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.