26 Jun 2012, 13:35
އަހަރު ދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާގެ ގެއްލުމަކާ އެމްޓީސީސީ ކުރިމަތިލާންޖެހުނީ އެހެން ބަޔަކާއި ހަވާލުކޮށް ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއްގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރުވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހޯދުންތަކުން ދައްކައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވައި ކުންފުންޏަށް ގެއްލުންތައް ކުރިމަތިވަމުންދާ މައްސަލަ ބެލުމަށް މާލިއްޔަތު ކޮމެޓީން ކުރިއަށް ގެންދާ ތަހުގީގުގައި ފާހަގަވި ހާއްސަ މައްސަލަ އެއް މިއަދުގެ ކޮމެޓީއަށް ހުށަހަޅުއްވަމުން މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި ފިލިޕީންސްގެ ކުންފުންޏަކަށް ދީގެން ގއ. އަތޮޅުގައި ހިންގި ޕްރޮޖެކްޓަކަށް ބޭނުންވާ ތަކެތި އެ ކުންފުންޏަށް ފޯރުކޮށްދިނުމަށް އެމްޓީސީސީއަށް އަންގާފައިވަނީ އޭރުގެ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
ނަމަވެސް އެ މަސައްކަތުގެ އަގުގެ ގޮތުގައި އެމްޓީސީސީއަށް ލިބެންޖެހޭ ގާތްގަނޑަކަށް 2.4 މިލިއަން ޑޮލަރު، (35 މިލިއަން ރުފިޔާ) ކޮންޓްރެކްޓަރު ދައްކާފައި ނުވާ ކަމަށެވެ.
"ކޮންޓްރެކްޓް ކޮށްފައި އޮތް ޕްރޮޖެކްޓެއް، ކޮންޓްރެކްޓް ކުރަންޖެހޭ މަސައްކަތެއްގެ ތެރެއަށް އެމްޓީސީސީ ވައްދަން ސަރުކާރުން މަސައްކަތް ކުރަންޖެހެނީ ކީއްވެތޯ؟ އެ ވަރު ބޮޑު ގެއްލުމެއް ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ބޮލު އަޅުވަންވީ ކިއްވެތޯ؟ ފިނޭންސުން އެސްބީއައި [ސްޓޭޓް ބޭންކް އޮފް އިންޑިއާ] ގައި އެލްސީތައް އެއްވެސް މާޖިންއެއް ނެތި ހުޅުވާދީފައި ހުރުމުން ލަނޑެއް ލިބިފައި މިއޮތީ އެމްޓީސީސީއަށް،" ނާޒިމް ސުވާލުތައް ކުރެއްވި އެވެ. "މިއީ ވަރަށް އެހެން ގޮތަކަށް ކޮށްފައި އޮތް ކަމެއް!"
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ބާލަނީ ސ. ހިތަދޫ ބަނދަރަށް ކަމަށާއި އެތަކެތި ގއ. އަތޮޅަށް ގެނައުމުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ކުރިއިރު ބާޖުފަދަ ތަކެތިވެސް ހިފާފައި ހުރީ ފިނޭންސުން ކަމަށެވެ.
ފިލިޕީންސްގެ ކުންފުންޏާ 220 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކުރީ، ފުރަތަމަ މަސައްކަތް ހަވާލުކުރި ވިމްލާ ކޮންސްޓްރަކްޝަނަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެން ކަމަށް އެނގޭ ކަމަށާއި ފިލިޕީންސްގެ ކުންފުންޏަކީ ވިމްލާގެ ސަބް ކޮންޓްރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކުންފުންޏެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެ ކުންފުންޏަށް މިހުރީ ލަވައިދީގެން ކަންކަން ކޮށްދީފައި، ސުވާލު އުފެދޭ އެވަރުން އެ ކުންފުންޏަށް އެކަން ކޮށްދިނީ ކީއްވެގެން ބާއޭ؟" ނާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީން މަޖިލީހަށް ފޮނުވާފައިވާ ސީޓިއާ ހަވާލާދެއްވާ ނާޒިމް ވިދާޅުވީ 35 މިލިއަން ރުފިޔާއަކީ އެ ކުންފުންޏަށް ލިބެންޖެހޭނެ ފައިސާކަމަށް އެ ކުންފުނިން ވަނީ މިހާރު ކޮމެޓީއަށް އަންގައިފައިވާ ކަމަށާއި އެ ފައިސާ ހޯދަން އެ ކުންފުނިން ފިނޭންސްގައި އެކި ފަހަރު މަތިން އެދިފައިވާކަން އެނގޭ ކަމަށެވެ. އެ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މައްސަލައިގައި އެލްސީ ހުޅުވި ބައެއް ލިޔުންތައް ވެސް ނެތް، އަދި ޕްރޮޖެކްޓް އަންޑަޓޭކް ކުރި ކަމުގެ ލިޔުންތައް ވެސް ހަމަޔަކަށް ނެތް، އަޅުގަނޑުވާނީ ފިނޭންސްގައި ވަރަށް ޑައިރެކްޓް ޖަވާބު ބޭނުންވާ ސުވާލުތަކެއް ކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީން ކޮމެޓީއަށް ފޮނުއްވި ޖަވާބު ވެސް ނާޒިމް މިއަދު އިއްވެވި އެވެ. އެ ޖަވާބުގައި ވަނީ އެ ޕްރޮޖެކްޓްގެ ތަކެތި ގެންދިޔުމުގެ މަސައްކަތް އެމްޓިސީސީއަށް ހަވާލުކުރީ އެ މަސައްކަތް ނުނިމި ގިނަ ދުވަސްވަމުން ދާތީ އެ ޕްރޮޖެކްޓް އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އަދިވެސް މުޅިން ނުނިމޭ ކަމަށާއި ޕްރޮޖެކްޓްގެ ބާކީ 39 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ދައުލަތުން އެމްޓީސީސީއަށް ދޭން މިޖެހޭ ފައިސާއަށް ދެން ވާނެ ގޮތެއް ސާފުކުރަން. އެހެން ނޫނީ އެމްޓީސީސީ ޖެހޭނީ އިންޓަނޭޝަނަލް ކުންފުންޏެއް ގޮވައިގެން ކޯޓަށް ދާން،" ފިނޭންސްގެ ޖަވާބު އިއްވުމަށް ފަހު ނާޒިމް ވިދާޅުވި އެވެ.
މައްސަލަޔާ މެދު ކޮމެޓީގެ މެންބަރު ހަމްޒާ ވިދާޅުވީ އެ މައްސަލައިގައި ފިނޭންސްގެ ބޭފުޅުން ހާޒިރުކޮށް ބަޕްލިކް އެންކުއަރީއެއް ހިންގަންޖެހޭ ކަމަށާއި އެމްޓީސީސީން އެ ޕްރޮޖެކްޓް އެޕްރޫވް ކުރި މީހުންނާ ދޭތެރޭ ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އަނެއްބައި މެންބަރުން ވަނީ އެ މައްސަލަ އޭސީސީއަށް ފޮނުވައިގެން ތަހުގީގު ކުރުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ގިނަ މެންބަރުން އިއްތިފާގުވެ ވަޑައިގަތީ ކޮމެޓީން އެ މައްސަލަ އިތުރަށް ބެލުމަށެވެ.
"ވިޔަފާރީގެ މުއާމަލާތްތަކަކީ އަދި ކޮންމެހެން ކޮރަޕްޝަނަށް ފެތޭނެ ކަމަށް ހިނގާފައި ހުރެދާނެ ކަމެއް ނޫން، އެހެންވީމަ މި މައްސަލައިގައި ވެސް އިތުރަށް ބަލަންޖެހޭ ކަންކަން ހުންނާނެ، އެހެންވީމަ މި މައްސަލަ އިތުރަށް ބަލާފައި އޭސީސީއަށް ފޮނުވި ނަމަވެސް ފޮނުވަން ޖެހޭނީ،" ހަމްޒާ ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ ނިންމާލީ އެ މައްސަލަ އާއި އެމްޓީސީއަށް ގެއްލުންވަމުންދާ މައްސަލައިގައި ކޮމެޓީން އިތުރަށް އެ މައްސަލަތައް ބެލުމަށެވެ.
އެމްޓީސީސީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާވާއިރު އާންމު ރައްޔިތުންގެ 44.7 ހިއްސާ އޮންނަ އިރު އެ ކުންފުންޏަކީ 2008 ވަނަ އަހަރާއި ހަމައަށް ރަނގަޅު ފައިދާއެއް ޖައްސަމުން އައި ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ވެސް އެމްޓީސީސީއަށް ވަނީ 19 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.