29 Aug 2024, 19:57
މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަންގެ ތެރެއިން ވިސާ ފުރިހަމަނުވާ 273 ބިދޭސީއަކަށް ނޯޓިސް ދީފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.
އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތަފްސީލް ހާމަކުރަމުން އެ އިދާރާއިން ބުނީ ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ވަނީ ނޯޓިސްދީފައިވާއިރު ގަވާއިދާ ޚިލާފަށް އެ މީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ވެސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ދެ ދުވަސް ކުރިން ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު، މިހާތަނަށް 257 ތަނެއް ރެއިޑުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އުޅޭ ނުގަވައިދު ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި، މިހާރު ފާހަގަވަމުން އަންނަ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތްތައް އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.