ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމްގެ އޮފީސް ފަޅައިލައި އެތަނުގެ ތެރޭގައި ހުރި ލެޕްޓޮޕްތަކެއް ބަޔަކު ވަގަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހެންވޭރުގައި ހުންނަ ރިޔާން ޕްރައިވެޓް ލިމިޓެޑުގެ ވައި ގޮޅިން ވަދެ ތިން ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަސްލަމްގެ އޮފީސްތެރެއަށް ބަޔަކު ވަދެ އެ އޮފީހުގައި ހުރި ލިޔެކިޔުންތަކާ އެއްޗެހި ހާވައި، ލެޕްޓޮޕްތަކެއް ގެންގޮސްފައި ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އޭނާއާ ކުރީގެ ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު އަމީން ފައިސަލް "ސިފައިންނާއި ފުލުހުން ހިނގި ބަޣާބަތް" މި ނަމުގައި ރިޕޯޓެއް އާންމު ކުރައްވާފައި ވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން އަސްލަމް މިއަދު ވިދާޅުވީ އޭނާގެ އޮފީހަށް ބަޔަކު ވަދެ ގެންގޮސްފަ އިވަނީ އޭނާގެ މޭޒުކޮޅު މަތީގައި ހުރި ލެޕްޓޮޕަކާއި އެތާނގައި ހުރި އިތުރު ދެ ލެޕްޓޮޕް ކަމަށެވެ. އެއޮފީހުގެ އެހެން ތަނަކަށް ވަދެފައިވާ ކަމެއް އަދި އެެހެން އެއްވެސް އެއްްޗެއް ގެންގޮސްފައިވާކަން އެނގިވަޑައިނުގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިކަމަކީ އޭނާއާ އަމީން ފައިސަލް ލިޔުއްވާފައިވާ ރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތުތައް ހޯދަން ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި ލެޕްޓޮޕްތައް ގެންދިޔަ ނަމަވެސް އެރިޕޯޓް އެކުލަވާލުމަށްޓަކައި އެއްކޮށްފައި ހުރި ހުރިހާ މައުލޫމާތުތަކެއް ނުގެއްލޭނެ ކަމަށެވެ.

"އޮފީހުގައި އަޅުގަނޑު އިންނަ ބަޔަށް ވަދެ އެތަނުގައި ހުރި އަގު ބޮޑު އެހެން އެއްޗެއްސާއި ވެސް ނުބެހި ހަމައެކަނި އަޅުގަނޑުގެ މޭޒުމަތީގައި ހުރި ލެޕްޓޮޕަކާއި އެހެން ދެ ލެޕްޓޮޕެއް ގެންދިއުން މިބެލެވެނީ އެތަކެތި ގެންދިޔަ ބައެއްގެ މޯޓިވްއަކީ އަޅުގަނޑާއި އަމީން ލިޔުނު ރިޕޯޓްގައި ހުރި މައުލޫމާތުތައް ހޯދުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމާއި އަމީން ލިޔުއްވާފައިވާ ރިޕޯޓަށް މައުލޫމާތުތަކެއް ފޯރުކޮށްދެއްވި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހައްޔަރު ކުރި އެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ.