29 Aug 2024, 21:31
ޔުއޭފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގެ ފެށުން ގާތްވަމުން އަންނައިރު މިމުބާރާތް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ އެހެން ފަހަރުތަކާ ހިލާފަށް ބޮޑު ބަދަލަކާއެކުއެވެ.
މިގޮތުން ހުރިހާ ޓީމުތަކެއް ހަތަރު ޓީމުގެ ގްރޫޕް ތަކަކަށް ބަހާލައިގެން ކުޅޭ ގްރޫޕް ސްޓޭޖެއް މިފަހަރަކު ނޯންނާނެެއެވެ. އޭގެ ބަދަލުގައި މިފަހަރުގެ ޗެމްޕިއަންސް ލީގު ފަށާއިރު އޮންނާނީ ލީގު އުސޫލުން ކުޅޭ ބައެކެވެ. މިބަޔަށް ޔުއޭފާއިން ދީފައިވަނީ ލީގު ފޭސްގެ ނަމެވެ.
ލީގު ފޭސްގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ 36 ޓީމު ލީގު އުސޫލުން ތަފާތު އަށް ޓީމާއެކު އަށް މެޗު ކުޅޭނެއެވެ. މީގެތެރޭގައި ހިމެނޭނީ އަމިއްލަ ދަނޑުގައި ކުޅޭ ހަތަރު މެޗާއި ރަށުން ބޭރުގައި ކުޅޭ ހަތަރު މެޗެވެ. ކޮންމެ ޓީމެއް ކުޅޭ އަށް ޓީމު ކަނޑައެޅޭނީ އެކަމަށް ހާއްސަ ކޮށްގެން ޔުއޭފާއިން ތައްޔާރު ކޮށްފައިވާާ ކޮމްޕިއުޓާ ސޮފްޓުވެއާއެއްގެ އެހީތެރިކަމާއެކުއެވެ.
މިރޭ މޮނާކޯގެ މޮންޓެކާލޯގައި ނެގުމަށް ހަމަޖެހިފައިވާ ގުރުލުމުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ 36 ޓީމު ހަތަރު ޕޮޓަށް ބަހާލާފައިވާނެއެވެ. އަދި ކޮންމެ ޓީމެއްގެ ނަން ޕޮޓުން ނެގުމުން އެޓީމެއް ވާދަކުރާނެ އަށް ޓީމު ސޮފްޓްވެއާ މެދުވެރިކޮށް އެނގިގެންދަނެއެވެ. އަދި ކޮންމެ ޓީމެއް ވެސް ބަހާލެވިފައިވާ ހަތަރު ޕޮޓުން ކޮންމެ ޕޮޓަކަށް ނިސްބަތްވާ ދެ ޓީމަކާ ބައްދަލުކުރަން ޖެހޭނެއެވެ.
ޔުއޭފާއިން ހާމަކުރާގޮތުގައި މިސޮފްޓްވެއާ ފަރުމަކުރެވިފައިވާގޮތުން އެއްވެސް ޓީމެއް ލީގު ފޭސްގައި އަމިއްލަ ޤައުމަށް ނުވަތަ ލީގަށް ނިސްބަތްވާ އެހެން ކްލަބަކާ ވާދަކުރާކަން ނުޖެހޭނެއެވެ.
އަދި އެހެން ލީގަކަށް ނިސްބަތްވާ ދެޓީމަށްވުރެ ގިނަ ޓީމާ ލީގު ފޭސްގައި ވާދަކުރާކަން ނުޖެހޭނެއެވެ. ލީގު އުސޫލުން ހުރިހާ ޓީމެއް އަށް މެޗު ކުޅެނިމުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ އަށް ޓީމު އޮޓަމެޓިކުން ދެވަނަ ބުރަށް ކޮލިފައިވެގެންދާނެއެވެ.
އަދި ލީގުގެ ނުވަވަނައިން 24 ވަނައަށްދާ 16 ޓީމު ދެވަނަ ބުރުން ޖާގަހޯދުމަށްޓަކައި ދެ ލެގުގެ ޕްލޭ އޮފް އެއް ކުޅެން ޖެހޭނެއެވެ. ޕްލޭ އޮފް ކާމިޔާބު ކުރާ އަށް ޓީމު ދެވަނަ ބުރަށް ކޮލިފައިވާއިރު ބަލިވާ ޓީމަށް ޔުއޭފާ ޔޫރޮޕާ ލީގުން ޖާގަލިބިގެންދާނެއެވެ. އަދި ލީގުގެ 25 ވަނައިން ދަށައްދާ 12 ޓީމު މުބާރާތުން ކަޓާނެއެވެ.
މިފަހަރުވެސް ދެވަނަ ބުރުން ފެށިގެން ދެން އަމަލު ކުރެވިގެންދާނީ ކުރިންވެސް އޮންނަ ނޮކް އައުޓް އުސޫލުންނެވެ. އަދި އެއަށްފަހު ކްއާޓާ ފައިނަލާއި ސެމީފައިނަލް އަދި ފައިނަލް މެޗު ކުޅެވި ޗެމްޕިއަން ކަނޑައެޅިގެންދާނެއެވެ.
ޔުއޭފާއިން އަލަށް މިގެންނަ ބަދަލާއެކު ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުތަކުގެ އަދަދު 125 އިން 189 އަށް އިތުރު ވެގެންދާނެއެވެ. އަދި ކޮންމެ ޓީމެއް އެންމެ މަދުވެގެން ކުރިން ކުޅުނު ހަ މެޗުގެ ބަދަލުގައި އަށް މެޗު ކުޅެ އަދި އެންމެ ގިނަވެގެން 17 މެޗު ކުޅެންޖެހޭނެއެވެ. އަދި ލީގު ފޭސް ޑިސެމްބަރުގެ ބަދަލުގައި މިހާރު ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ 36 ޓީމުގެ ތެރޭގައި އެންމެ ގިނައީ އިޓަލީވިލާތާއި ޖަރުމަނުވިލާތުގެ ޓީމުތަކެވެ. މިދެ ލީގުން މިފަހަރު ފަސް ޓީމު ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މީގެއިތުރުން އިންގްލަންޑާއި ސްޕެއިން އިން ހަތަރު ޓީމު، ފަރަންސޭސިވިލާތުން ތިން ޓީމު، ނެދަލަންޑްސް އާއި ޕޯޗުގަލް އިން ދެ ޓީމު އަދި ބެލްޖިއަމް، ސްކޮޓްލަންޑް، އޮސްޓްރިއާ، ޔޫކްރެއިން، ސްވިޓްޒަލަންޑް، ޗެކް ރިޕަބްލިކް، ކްރޮއޭޝިއާ، ސާބިއާ އަދި ސްލޮވާކިއާއިން އެއް ޓީމެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ފޭސް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓޭމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.