26 Jun 2012, 12:34
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލޭންޑާ ދެކޮޅަށް ކުޅުންތެރިން ދެއްކި ހިތްވަރާއި، ބުންވަރު ކުރިއަށް އޮތް ސެމީ ފައިނަލް މެޗުގައި ވެސް ދައްކައިފި ނަމަ، ޖަރުމަންގެ މައްޗަށް ކުރި ހޯދޭނެ ކަމާ މެދު ސުވާލު ނުއުފައްދާ ކަމަށް އިޓަލީގެ ކޯޗު ސެސާ ޕްރާންޑެލީ ބުނެފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ފަހު މެޗްގައި ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން އިންގްލެންޑް ބަލިކުރުމަށް ފަހު އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ތިން ފަހަރުގެ މަތިން ކާމިޔާބުކޮށްފައިވާ ޖަރުމަނާ ދެކޮޅަށް ނިކުތުމުގެ ކުރިން އިޓަލީގެ ކޯޗް ފްރާންޑެލީ ބުނީ، ސެމީ ފައިނަލު މެޗުގައި ޖަރުމަނަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ހަމައެކަނި އެ ޓީމަކީ މަޤުބޫލު ޓީމެއްގެ ގޮތުގައި އޮތުން ނޫން ކަމަށާއި، އެހެން ނަމަވެސް ސެމީ ފައިނަލު މެޗަށް ނިކުންނައިރު ޖަރުމަނަށް ތައްޔާރުވުމަށް ގިނަ ވަގުތު ލިބިފައިވާ ކަމަށެވެ. އެ ހުރިހާ ފައިދާއެއް ޖަރުމަން ޓީމަށް ލިބުނު ކަމުގައި ވިޔަސް، ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އިންގްލޭންޑާ ދެކޮޅަށް އިޓަލީން ދެއްކި ހިއްވަރާއި، ބުންވަރު ޖަރުމަންގެ މެޗުގައި ވެސް ދައްކައިފި ނަމަ، އެމެޗަކީ ވެސް ވަރުގަދަ މެޗަކަށް ވެގެންދާނެ ކަމަށް ޕްރާންޑެލީ ބުނެފައިވެ އެވެ.
"އިޓަލީ ޓީމުގައި ހިތް ވަރު ކުރާ މޮޅެތި ކުޅުންތެރިން އެބަތިބި. އަހަރުމެން މިތިބީ ޖަރުމަނާ ދެކޮޅަށް ކުޅެ، ނަތީޖާއެއް ނެރުމަށް ވަރަށް ކެރިގެން. ސެމީ އިން ޖާގަ ހޯދީ ވެސް ވަރަށް ކެރިގެން ހިއްވަރާއި ބުންވަރު ވެސް ހޯދައިގެން. ޖަރުމަނާ ދެކޮޅަށް ނިކުންނަ އިރު ޓީމުގެ ގިނަ ކުޅުންތެރިން ނަށް ވަނީ އަނިޔާވެފައި." ޕްރާންޑެލީ ބުންޏެވެ.
ޕްރާންޑެލީ ބުނީ، ސެމީ ފައިނަލުގެ މެޗަށް އަނިޔާގައި ތިބި ކުޅުންތެރިން ނެރެވޭތޯ މަސައްކަތް ކުރާނެ ކަމަށާއި އަދި ކުޅުންތެރިންގެ ހަކަތައާއި ބުންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު އިޓަލީއާ ދެކޮޅަށް ޖަރުމަން ބައްދަލުކުރާ މެޗް ފަށާ ގަޑިޔަކީ ރާއްޖޭގެ ގަޑިން އެރޭ 11:45 ގަ އެވެ.