ރަޝިއާއިން އެމެރިކާގެ އިތުރު 92 މީހަކު އެ ގައުމަށް ނުވަދެވޭގޮތް ހަދައިފިއެވެ.

އޭގެ ތެރޭގައި ރަޝިއާގައި ކުރިން މަސައްކަތްކުރި ނޫސްވެރިންނާއި، އެމެރިކާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ވިޔަފާރިވެރިން ހިމެނެއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނީ, އެކަން އެގޮތަށް ކުރީ ރަޝިއާ ބަލިކުރުމަށް އަމާޒު ހިފައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނުކުރެއްވި ރަސޯފޯބިކް ނުވަތަ ރަޝިއާއަށް ނަފުރަތު ކުރުވުމުގެ ޕްރޮގްރާމަށް ރައްދު ދިނުމަށް ކަމަށެވެ.

އެގޮތުން، މިހާރު ރަޝިއާއަށް ވަނުން މަނާކޮށްފައިވާ ނޫސްވެރިން ދިޔައީ ރަޝިއާއާއި ރަޝިއާގެ ހަތިޔާރު އެޅި ސިފައިންނާބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުން ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ރަޝިއާއިން އާންމުކޮށްފައިވާ ލިސްޓުގައި ވޯލް ސްޓްރީޓް ޖާނަލްގެ މިހާރުގެ ނުވަތަ ކުރީގެ 11 މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި އެ ނޫހުގެ އެޑިޓަރު އެމާ ޓަކަ ވެސް ހިމެނެއެވެ. ޓަކައަކީ ރަޝިޔާއާއި ހުޅަނގުގެ ގައިދީން ބަދަލުކުރުމުގެ ތެރެއިން އޮގަސްޓް މަހު ޖަލުން މިނިވަންކޮށްފައިވާ، އެ ނޫހުގެ ރިޕޯޓަރު އިވާން ގްރެޝްކޮވިޗް ހައްޔަރުކުރުމާ ގުޅިގެން ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކީ މީހެކެވެ.

އޭގެ އިތުރުން، ނިއުޔޯކް ޓައިމްސްގެ ފަސް ނޫސްވެރިއެއްގެ އިތުރުން ކިއެވްގެ ބިއުރޯގެ ވެރިޔާ އެންޑްރޫ ކްރޭމައާއި ދަ ވޮޝިންޓަން ޕޯސްޓުގެ ހަތަރު ނޫސްވެރިއަކަށް ވެސް ރަޝިއާއަށް ވަނުން ވަނީ މަނާކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ލިސްޓުގައި ވާގޮތުން ރަޝިއާއިން ވަނީ 2،000 އަށްވުރެ ގިނަ އެމެރިކާ މީހުން އެ ގައުމަށް ވަނުން މަނާކޮށްފައެވެ.