29 Aug 2024, 15:13
ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން އެޕްތަކުގެ ތެރޭގައި ހިމެނޭ ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑޫރޮވް ފްރާންސުގައި ހައްޔަރުކުރުމަށް ފަހު ގިނަ ދައުވާތަކެއް ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޑޫރޮވްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
ޑޫރޮވްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ކުޑަކުދިންގެ އޮރިިޔާންކާޑު ދައުރުކުރުމާއި، މަސްތުވާތަކެތި ވިއްކުމާއި، މަނީ ލޯންޑަރިން ފަދަ ކުށްތައް ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުން ހިމެނެއެވެ. މީގެ އިތުރުން، ފްރާންސުގެ އިދާރާތަކުން އެދިފައިވާ މަޢުލޫމާތު ހިއްސާ ނުކުރުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
ޑޫރޮވް ހައްޔަރުކުރެވުނީ އޯގަސްޓު 24 ވަނަ ދުވަހު ޕެރިސްގެ ލޫ ބޫޖެ ވައިގެ ބަނދަރުގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ފުލުހުން ވަނީ ހަތަރު ދުވަހުގެ މުއްދަތަށް ސުވާލުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައެވެ.
ޑޫރޮވްގެ ވަކީލު ޑޭވިޑް-އޮލިވިއޭ ކަމިންސްކީ ވަނީ މި ތުހުމަތުތަކަކީ އޭނާއަށް ކުރެވިގެންވާނެ އަދި އެކަށީގެންވާ ތުހުމަތުތަކެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ވިދާޅުވީ ޓެލެގްރާމް އެޕުން ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް ޓެކްނޮލޮޖީއާ ގުޅޭ ހުރިހާ ޤަވާޢިދުތަކަކާ އެއްގޮތަށް ޢަމަލުކުރަމުން އަންނަ ކަމަށެވެ.
ޓެލެގްރާމްގެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 900 މިލިއަނަށް އަރާފައެވެ. އަދި އެޕްގެ ބޭނުން އެކި ފަރާތްތަކުން ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރެވެމުން ދިޔަ ނަމަވެސް، ޑޫރޮވް އެ އެޕްގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި މިވަގުތަށް ކަފާލާތުގެ ދަށުން ޑޫރޮވް ދޫކޮށްލާފައިވާއިރު، އޭނާ ދޫކޮށްލައިފައިވަނީ ފަސް މިލިއަން ޔޫރޯގެ ގެރެންޓީއެއްގެ ދަށުންނެވެ. އަދި ހަފުތާއަކު ދެފަހަރު ފުލުސް އޮފީހަށް ހާޒިރުވުމަށާއި، ފްރާންސް ދޫކޮށް ނުދިއުމަށް އޭނާއަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފްރާންސުގެ ރައީސް އިމެނުއެލް މެކްރޯން ވަނީ މިއީ ސިޔާސީ ނިންމުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމާނީ ފަނޑިޔާރުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޑޫރޮވްއަށް ތާއީދުކޮށް އެކި ފަރާތްތަކުން ވާހަކަދައްކަމުން ދާއިރު، ޓެސްލާގެ ސީއީއޯ އީލޮން މަސްކް ވެސް ވަނީ 'ފްރީ ޕަވެލް' ހެޝްޓެގް ބޭނުންކޮށްގެން ޑޫރޮވްއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.