ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްއިން އޮސްޓްރިއާގެ އާރްބީ ސާލްސްބާގް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ލީގު ފޭސްއިން ސާލްޒްބާގް ޖާގަ ހޯދީ ޕްލޭ އޮފްގައި ޔޫކްރެއިންގެ ޑީނަމޯ ކިޔޭވްއާ ބައްދަލުކޮށް 3-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2-0 ރަށުން ބޭރުގައި ސާލްޒްބާގް ކާމިޔާބުކޮށްފައިވާއިރު ސާލްޒްބާގްގެ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުވީއެވެ.

ސާލްޒްބާގުންވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އެޑަމް ޑާގިމެވެ. ނަމަވެސް، ކިޔޭވްއިން ހިތްވަރު އެލުވައިނުލާ މަސައްކަތްކުރުމުގެ ނަތިޖާއަކަށްވީ މެޗުގެ 29 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވްލަޑިސްލާވް ވަނާޓުއެވެ.

މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.

ސާލްޒްބާގްގެ އިތުރުން ލީގު ފޭސްއިން ޖާގަ ހޯދި އެހެން ޓީމުތަކަށް ބަލައިލާއިރު ސްވިޑްންގެ މަލްމޯ 4-0ގެ އެގްރިގޭޓް ނަތިޖާއަކުން ބަލިކުރި ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގާ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން އަޒަރުބައިޖާންގެ ގަރަބާގް ބަލިކުރި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އަދި ތުރުކީޔޭގެ ގަލަތަސަރާއީ 4-2 އިން ބަލިކުރި ސްވިޓްޒަލަންޑްގެ ޔަންގް ބޮއިސް ހިމެނެއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުން މި ސީޒަން ފަރުމާކޮށްފައިވާގޮތުން އާންމުކޮށް ކުރިން ބާއްވާ ގްރޫޕް ސްޓޭޖުގެ ބަދަލުގައި މި ފަހަރު އޮންނާނީ ލީގު ފޭސްއެކެވެ. މި ގޮތުން، ލީގު ފޭސްގައި ކޮންމެ ޓީމެއް ލީގު އުސޫލުން އަށް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ޗެމްޕިއަންސް ލިގުގެ ލީގު ފޭސްގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މޮނާކޯގައެވެ.