ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްއިން ފަރަންސޭސިވިލާތުގެ ލީލް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ލީގު ފޭސްއިން ލީލް ޖާގަހޯދާފައިވަނީ ޕްލޭ އޮފްގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާ އާއި ބައްދަލުކޮށް 2-3 އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 0-2 އިން ލީލް ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެ ލަނޑު ލެގު ދެ 2-1 ކާމިޔާބު ކޮށްފައިވަނީ ސްލާވިއާއެވެ.

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގުގެ އެޑެން އެރީނާގައި ކުޅުނު ދެވަނަ ލެގުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްލާވިއާއިންނެވެ. މި މެޗު ސްލާވިއާއިން ފެށީ ވަރަށް ފޯރިއާއެކުއެވެ.

މިގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާ އެގްރިގޭޓް ނަތީޖާއިން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރިއެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޯސް ޒަފެއިރިސްއެވެ. މިމެޗުގައި ލީލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ އެޑޮން ޒެގްރޯވާއެވެ.

ނަމަވެސް ސްލާވިއާއިން މި މެޗުން ނަތީޖާއެއް ނެރެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭތޯ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔާ އިވާން ޝުރާންޒް ލަނޑެއް ޖަހާ އެޓީމަށް އުންމީދު އާކޮށްދިނުމެވެ.

މިލަނޑާއެކު މެޗުގެ ފަހު ވަގުތު ކޮޅުގެ ފޯރި ގަދަވެ ލީލްއަށް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ވަގުތު ކޮޅެއް ދިޔައެވެ. ނަމަވެސް އެންމެ ފަހުން ލީލްއިންވަނީ ރަނގަޅަށް ޑިފެންޑްކޮށް މިނަތީޖާގައި އޮވެ މެޗު ނިންމާލާ އެގްރިގޭޓް ނަތީޖާއަށް ބަލާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިއީ 2021-2022 ވަނަ އަހަރުގެ ސީޒަނަށްފަހު މިމުބާރާތުން ލީލްއަށް ޖާގަލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ލީލްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ލީގު ފޭސްއިން ޖާގަހޯދި އެހެން ޓީމުތަކުގެ ތެރޭގައި ނޯވޭގެ ބޯޑޯ/ގްލިމްޓް 2-3 ލަނޑުގެ އެގްރިގޭޓް ނަތިޖާ އަކުން ބަލިކުރި ސަރުވޭނާ ޒުވެޒުޑާ އާއި ޑެންމާކްގެ އެފްސީ މިޑްޖިލަންޑް 3-4 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ބަލިކުރި ސުލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ ހިމެނެއެވެ.