26 Jun 2012, 12:23
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ނިކުންނާނީ އާހިތްވަރާ އެކު އިޓަލީގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ފައިނަލް ކުޅުމުގެ އުންމީދުގައި ކަމަށް ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:45ގައި އިޓަލީއާ ދެކޮޅަށް ޖަރުމަން ނިކުންނަ އިރު، މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަން ޖާގަ ހޯދައިފައި ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ކުއާޓާ ފައިނަލުގައި ގްރީސް އަތުން 4-2 ލަނޑުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާ އެކު އެވެ.
އިޓަލީއާ ދެކޮޅަށް ނިކުތުމުގެ ކުރިން، ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފައި ވަނީ، މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީފައިނަލުގައި އިޓަލީއާ ދެކޮޅަށް ނުކުންނާނީ ވެސް މޮޅެއް ހޯދުމުގެ އަޒުމުގައި އާހިތްވަރަކާ އެކު ކަމަށެވެ. އަދި އިޓަލީގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޮޒިލް ބުނެފައިވެ އެވެ.
"އަހަރުމެންނަށް އިޓަލީ ބަލިކުރެވޭނެ. ގްރީސް މެޗަށް ފަހު އަހަރުމެން މި އަންނަނީ އިޓަލީ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން. އިޓަލީ އަކީ ވެސް ބަލިޓީމެއް ނޫން. ސެމީއިން އިޓަލީ ޖާގަ ހޯދީ ވެސް ބުރަ މަސައްކަތުން. އަހަރުމެން ވެސް ފައިނަލުން ޖާގައެއް ހޯދާނީ އާހިތްވަރަކާ އެކު ބުރަމަސައްކަތް ކޮށްގެން،" އޮޒިލް ބުންޏެވެ.
އޮޒިލް ބުނީ، ޖަރުމަން ޓީމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ދައްކަމުން އަންނަ ވާހަކަތަކާ މެދު ހިތާމަ ކުރާ ކަމަށާއި އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ވެސް ބައެއް މީޑިއާތަކުން ދައްކަމުން އަންނަ ކަމަށެވެ. އޮގޮތުން ޖަރުމަނު ޓީމުގެ ފުރަތަމަ 11 މީޑިއާ އަށް ލީކުވެގެން ވެސް، ޓީމާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތައް އަޑު ފެތުރުނު ކަމަށާއި އެކަން ކަމަކީ ޓީމުގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރިމަތިކުރުމުގެ ގޮތުން ބަޔަކު މީހުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"ޓީމާ ބެހޭ ގޮތުން ބަޔަކު ފަތުރާ ވާހަކައަކަށް އަހަރުމެން ޖެހިލުމެއް ނުވާނަން. އަހަރުމެންގެ އަމާޒަކީ މިފަހަރު ވެސް ޔޫރޯ ކާމިޔާބު ކުރުން،" އޮޒިލް ބުންޏެވެ.
އިޓަލީއާ ދެކޮޅަށް ސެމީ ފައިނަލުގައި ޖަރުމަން ނުކުންނަ އިރު، ޖަރުމަން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީ 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބޭއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ތިން ފަހަރުގެ މަތިން ޖަރުމަން ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އިޓަލީއަށް ޔޫރޯ މުބާރާތެއް އަދި ކާމިޔާބު ކުރެވިފައި ވަނީ އެއް ފަހަރު އެވެ. އެއީ 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި ޔޫގޯސްލާވިޔާ އަތުން 2-0 ލަނޑުން މޮޅުވި ފަހަރު އެވެ.