29 Aug 2024, 07:12
ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތައް ޕްރޮޑިއުސްކޮށް ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ސިއްދީޤީއަށް ރޭޕްގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ސިއްދީޤީގެ މައްޗަށް ކުރެވުނު ރޭޕްގެ ތުހުމަތުތަކާ ގުޅިގެން ކެރެލާގެ ފުލުހުން ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ވެސް ފައިލްކޮށްފައެވެ. ސައުތު ސިނަމާގެ މަޅަޔާލަމް ފިލްމު އިންޑަސްޓްރީއާ ގުޅެން ޝައުގުވެރިކަން ފާޅުކުރި އަންހެނަކަށް ސިއްދީޤީގެ ފަރާތުން ޖިންސީ ފުރައްސާރަކޮށް ރޭޕް ކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް އެ އަންހެން މީހާ ވަނީ ކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ސިއްދީޤީ ވަނީ އެސޯސިއޭޝަން އޮފް މަޅަޔާލަމް މޫވީސް އާޓިސްޓްސްގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަޤާމުން ވެސް އެކަހެރިކޮށްފައެވެ.

ސިއްދީޤީ ބޮލީވުޑްގެ ދެ އެކްޓަރުން ސަލްމާން ޚާން އަދި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ ކޮއިމޮއި
ތަމަޅަ، ތެލުގޫ އަދި ހިންދީ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ސިއްދީޤީއަށް ރޭޕްގެ ތުހުމަތުކޮށްފައިވާއިރު މި ހާދިސާ ހިނގީ 2016ވަނަ އަހަރު އިންޑިއާގެ ތިރުވަނަންތަޕޫރަމްގެ ހޮޓަލެއްގައި ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި އަންހެން މީހާގެ ފަރާތުން ކުރި ތުހުމަތުތަކާ ގުޅިގެން ފުލުހުން އަންނަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީތަކުގައި އަންހެނުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް ވަރަށް ސީރިއަސްކޮށް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މަޅަޔާލަމް ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ސިއްދީޤީގެ މައްސަލަ ފެންމަތިވެފައިވަނިކޮށް ފުލުހުން ވަނީ އިންޑިއާގެ ބެންގާލަށް ނިސްބަތްވާ އެކްޓަރެއްގެ މައްޗަށް ވެސް ހަމަ މިފަދަ ތުހުމަތަކާ ގުޅިގެން މައްސަލަ ހުށަހަޅާފައެވެ.
ރޭޕްގެ މައްސަލަ އިންތިހާއަށް ބޮޑު އިންޑިއާގައި ދާދި ފަހުން ޑޮކްޓަރަކު ރޭޕްކޮށް, މަރާލި މައްސަލައާ ގުޅިގެން އޭގެ ފަހުން ފެންމަތިވާ މިފަދަ ރޭޕްގެ މައްސަލަތައް ފުލުހުން އަންނަނީ ވަރަށް ސީރިއަސްކަމާ އެކު ބަލަމުންނެވެ.