ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ގައުމަށް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ، ވެރިކަންކުރާ ޕީއެންސީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.

އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ކަމަށެވެ. އަދި އެ މަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މިފަހުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގެ ހަގީގަތް ވެސް އެ ޖަލްސާގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ.