މަސްތުވާތަކެތި ނައްތާލަން ފުލުހުން ކުރާ މަސައްކަތުގައި ރާއްޖޭގައި ކުއްތާ ގެންގުޅުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖެއަަށް ކުއްތާ ގެންނަން ފުލުހުން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާވީ ކުއްތާ ރައްޖޭގައި ގެންގުޅުމަށް ނިންމާފައި ވަނީ 2011 އިން 2013 އަށް ފުލުހުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ޑްރަގް ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ސްނިފާސް ޑޯގްގެ އެހީތެރިކަން ހޯދަން އިންޑިއާގައި ހުންނަ ރާއްޖޭގެ އެންބަސީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ފަށައިގަންނަ އިރު އެ މަސައްކަތުގެ ތަމްރީން ލިބިފައިވާ މީހުން ރާއްޖެ ފޮނުވައި ދިނުމަށް ވެސް އިންޑިއާ ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުއްތާ އާއި މީހުން ފޮނުވައި ދިނުން އަވަސްކޮށް ދިނުމަށް ސިޓީ ބަދަލުކޮށް އެންބަސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ސްނިފާސް ޑޯގް ގެންގުޅުމަށް ކުއްތާ ބަލަހައްޓައި ގެންގުޅޭނެ "ޑޯގް ކެނަލް" އެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލުހުން ވަނީ މިހާރު ގާއިމްކޮށްފަ އެވެ. އަދި އެތަނަށް ބޭނުންވާ އާލާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ރާއްޖެ ގެނެސް އެއާޕޯޓްގައި ގެންގުޅޭނެ ކުއްތާގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.

"ޑޯގް ބަލަހައްޓައި ގެންގުޅުމަށްޓަކައި ޑޯގް ކެނަލް އެއް މިހާރު ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓްގައި ހަދާނިމިފައި. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނުން ދަނީ އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ހޯދަން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް މީގެ ކުރިން ވެސް އެއާޕޯޓްގައި ދެ ކުއްތާއެއް ގެންގުޅުނެވެ. ނަމަވެސް އެ ދެ ކުއްތާއަށް ފަހުންވީ ގޮތެއް ސަރުކާރުން ބުނެފައެއް ނުވެއެވެ. އޭރު ކުއްތާ ގެންގުޅުނީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ ސެކިއުރިޓީގެ ތެރޭ އައްޑޫގައި ކުއްތާ ބޭނުން ކުރިއިރު އިނގިރޭސީން އައްޑު އަތޮޅުގައި އަސްކަރީ މަރުކަޒު ހަދައިގެން ތިބި އިރު ފުލުސް ސެކިއުރިޓީގެ ގޮތުގައި ޕެޓްރޯލަށް ހާއްސަ ކުއްތާގެ ސްކޮޑެއް "އާރްއޭއެފް ޕޮލިސް ޑޯގްސް" ނަމުގައި ބޭނުންކޮށްފައި ވެއެވެ.

ސަލާމާތީ ބާރުތަކުން ރާއްޖޭގައި ކުއްތާ ބޭނުން ކުރުމުގެ ލަފަޔަކަށް ފިގުުހު އެކަޑަމީގައި 2010 ވަނަ އަހަރު ފުލުހުން ނާއި ކަސްޓަމްސް އިން އެދުނެވެ. އޭރު އެކަޑމީން ލަފާދީފައި ވަނީ ސަލާމަތީ ބޭނުމަކަށް ކުއްތާ ރާއްޖޭގައި ގެންގުޅެވިދާނެ ކަމަށެވެ.