28 Aug 2024, 20:04
ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާފައިވާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ" ބައިސްކޯފުން ދައްކަން ހަމަޖެހިއްޖެއެވެ.
މިއަދު އެސްއެސްމީޑިއާއިން ވަނީ ބައިސްކޯފާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެސްއެސްމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު އާސިފް (މޮންދު) އަދި މެނޭޖާ ސޭލްސް އެންޑް މާކެޓިން އަލީ އުސާމް (ދޮނާ)އެވެ. ބައިސްކޯފުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ހާފިޒް އަބްދުﷲއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިސްކޯފުން އަވަސް ތާރީޚެއްގައި މި ޑްރާމާ ސިލްސިލާ ދައްކަން ފަށާނެއެވެ.
އެންޑްރޮއިޑް ސްމާޓް ޓީވީތަކުން ބައިސްކޯފު އެޕް ޑައުންލޯޑްކޮށް، ބޮޑު ސްކްރީނުން ބެލޭނެއެވެ. އަދި ގޫގުލް ކްރޮމްކާސްޓް ބޭނުންކޮށްގެން ވެސް ބައިސްކޯފްއިން ޑްރާމާ ބެލޭނެއެވެ.
ބައިސްކޯފުގެ އެޕް ބޭނުންކޮށްގެން ފިލްމުތައް ބެލުމަށް މަހަކަށް ދައްކަން ޖެހޭނީ 199 ރުފިޔާއެވެ.
ރައިހާ ޑްރާމާ ސިލްސިލާއަކީ، 12 އެޕިސޯޑު ހިމެނޭ ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ ސިލްސިލާއެކެވެ.
"ރައިހާ"ގެ ޓްރެއިލާއާއި ޕޯސްޓަރު، ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު އޯޓީޕީ ބައި ސޮލައިޓްގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ. ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ. މީގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ.
ރައިހާ ޑުރާމާ ސިލްސިލާގެ އިސް ރޯލުތައް އަދާކުރާ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.
މި ޑުރާމާ ސިލްސިލާގައި ދެން އެންމެ ތަފާތު ރޯލަކުން ފެންނާނީ، ދޮނާއެވެ. ދޮނާއަކީ މި ސިލްސިލާގައި އެކްޓަރެއްގެ އިތުރުން މޭކަޕް އާޓިސްޓް ވެސް މެއެވެ. އަދި، މި ސިލްސިލާގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ އިތުރުން ކޮސްޓިއުމް ކޯޑިނޭޓްކުރުމުގެ މަސްއޫލިއްޔަތު ވެސް އުފުލީ ދޮނާއެވެ.
މި ސިލްސިލާއިން ދެން ފެންނާނީ މުޅިން އާ ތަރިއެކެވެ. އަލަށް ޑުރާމާ ސިލްސިލާއަށް ތަޢާރަފުކުރާ ލައިޝާ ލަތީފްގެ ހުނަރުވެރިކަން ވެސް މި ސިލްސިލާގެ ތަފާތު ރޯލަކުން ފެންނާނެއެވެ.
މި ޑުރާމާ ޝޫޓުކޮށްފައި ވަނީ މ. މުލަކުގައެވެ. މި ސީރީޒްގެ 60 ޕަސެންޓު ކާސްޓުންނަކީ މުލަކު މީހުންނެވެ.