ދިވެހި ގޭމަރުންނަށް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން ޚާއްސަ އޮފާތަކެއް ފަހިކޮށްދީފިއެވެ.

ޑީޖީޖީއަކީ ގޭމަރުންނަށް ޚާއްސަކޮށްގެން، ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ދިރާގުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުންނަށް ދިރާގުން ބާއްވާ އެކި އީސްޕޯޓްސް މުބާރާތްތަކުގައި ފަސޭހަކަމާއެކު ރަޖިސްޓަރީ ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ޑީޖީޖީގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށް ގޭމިން ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޚާއްޞަކޮށްފައިވާ ޑޭޓާ ޕެކްތަކުން ޚާއްސަ އޮފާތައް ލިބޭނެއެވެ. އެގޮތުން ރަޖިސްޓަރީވެފައިވާ ގޭމަރުންނަށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަނެކްޝަންތަކަށް 15 ދުވަހަށް ނުވަތަ 30 ދުވަހަށް 100ޖީބީ ނުވަތަ 200ޖީބީ ޑޭޓާ ބޫސްޓާ ޚާއްސަ އަގުތަކެއްގައި މި ޕްލެޓްފޯމް މެދުވެރިކޮށް ނެގޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ޑީޖީޖީއިން އީއޭއެފްސީ މިނީ ސީރީޒް ޓޫ ޓޯނަމަންޓް އަންނަ ހަފުތާ ބަންދުގައި ދިރާގު ހެޑް އޮފީހުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޑީޖީޖީގެ ޚާއްޞަ ޑޭޓާ އޮފާތަކަށް ސަބްސްކްރައިބްކުރުމަށާއި، މެންބަރަކަށް ވުމަށް އަދި އެންމެ ފަހުގެ އަޕްޑޭޓްތައް ހޯދުމަށްwww.dgg.mvއަށް ޒިޔާރަތްކުރުމަށް ދިރާގުން ވަނީ އެދިފައެވެ.

ދިރާގުން އަންނަނީ ރާއްޖޭގައި އީސްޕޯޓްސް ކުރިއެރުވުމަށާއި ދިވެހި އީސްޕޯޓްސް އިތުރަށް ތަރައްގީކުރުމަށް ގޭމިން ކޮމިއުނިޓީއާއެކު މަސައްކަތްކުރަމުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.