މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިއަދު ބޮޑު ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނުގަވައިދުން އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ފަށައިފައިވާ ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާ ކަމަށެވެ. އެ އޮފިސަރުން 52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ ހަރަކާތުގެ މަގުސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެމީހުން އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުން ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް އެ ހަރަކާތުގެ ތެރެއިން ލިޔުމުން ނަސޭހަތްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މި ހަރަކާތުން ހޯދޭ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. މި ސަރުކާރުން އަންނަނީ ހުރިހާ ބިދޭސީންނާ ގުޅޭ މައުލޫމާތު އެއްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ ވިޔަފާރި ކުރަމުން އައި ކަމަށް ފާހަގަވި 3،322 ބިދޭސީން ފާއިތުވި ނުވަ މަސް ތެރޭގައި ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.