26 Jun 2012, 12:22
ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓި ނަމަވެސް އިނގިރޭސި ކެޕްޓަންކަމުގައި ދެމިހުންނާނެ ކަމަށް ސްޓީވަން ޖެރާޑް ބުނެފި އެވެ.
އޭނާ ބުނީ ޕާފޯމަންސަށް ބަލާއިރު އޭނާ ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އަދި ފުރަތަމަ ދުވަހުން ފެށިގެން ކުޅުންތެރިން ކުރި މަސައްކަތާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
ޖެރާޑް ބުނީ މުބާރާތުން އިނގިރޭސިން ކެޓީ ނަސީބު ވެސް ނެތިގެން ކަމަށާއި ބަލިވުމުން ހިތްހަލާކުވެެއްޖެ ކަމަށެވެ.
"އަހަރުމެން މިފަހަރު ހީކުރީ ކުއާޓާފައިނަލުން ކެޓުމުގެ ސިލްސިލާ އަށް ނިމުން އަންނާނެ ކަމަށް. ނަސީބުވެސް ނެތުމުން އަހަރުމެން ކެޓީ،" 32 އަހަރުގެ ލިވަޕޫލްގެ ކެޕްޓަން ބުންޏެވެ.
ޔުކްރޭނާ ދެކޮޅަށް އިނގިރޭސިން ކުޅެ މޮޅުވި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ޖެރާޑް ބުނީ ކޯޗު ރޯއި ހޮޑްސަންއާ މަޝްވަރާކުރި ކަމަށާއި އޭނާގެ އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި އެކަމަށް ފުރިހަަމައަށް އެއްްބާރުލުން ދޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
"ކޯޗު ބުނީ އަހަރެން ކުރިއަށްދާށޭ ކެޕްޓަން ބޭންޑާއެކު. އަހަރެން ވެސް ބޭނުމެއްނޫން ކެޕްޓަންކަން ދޫކޮށްލާކަށް،" ޖެރާޑް ބުންޏެެވެ.