28 Aug 2024, 17:04
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަމްބަރު، 1545 މިއަދު ތައާރަފުކޮށްފިއެވެ.
މި ހޮޓްލައިން ތައާރަފުކޮށްފައި ވަނީ މިއަދު މެންދުރުފަހު 15:45ގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވް ޕްރިމިއާއެއްގެ ގޮތުގައެވެ. މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ފެށި މަސައްކަތެކެވެ.
މި ހޮޓްލައިން މެދުވެރިކޮށް، ސްޓެލްކޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މައުލޫމާތާއި، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަން ސާފުކުރެވޭނެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ޚިދުމަތާއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތް ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތީ ކޯލް ސެންޓަރުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މި މަސައްކަތް ނިންމާ، މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައިކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
"ސްޓެލްކޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މަޢުލޫމާތާ، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާ ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ،" ފަހުމީ ލިޔުއްވާފައި ވެއެވެ.
އޭނާ ވިދާޅުވީ، ކުންފުނީގެ އަމާޒަކީ، އެ ކުންފުންޏަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.