އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނަކު މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޑރ. އިޔާޒުވަނީ "ސަން"އަށް އެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝާދިޔާ ހައްޔަރުކުރީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 13:00 ޖެހިކަންހާއިރެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެހެން ނަމަވެސް ފުލުހުން ދެ އަންހެނަކު މިއަދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝަޒްރާ އާއި ޝާދިޔާ މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް މެގަ ފޯނުން އަޑުއުފުލައެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.