28 Aug 2024, 15:25
ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއު އިފްތިތާހުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަށް އެ ކަމުގެ ލިޔުން މިއަދު އަރުވައިފިއެވެ.
މިގޮތުން، މި މަޝްރޫއުގެ ދަށުން އުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޒް އަލީ ރައީފަށެވެ. ރައީފަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މި ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫއު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައިމިވަނީ ވަރަށް ޚާއްސަ ޙާފިޒަކަށް ކަމަށެވެ.
ރާއިފަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަންބަރާ އެކު ހިތުދަސްކޮށްފައިވާ ޙާފިޒެކެވެ. އަދި، މި ކަމަށްޓަކައި ރައީފަށާއި ރައީފްގެ މައިންބަފައިންނަށް މިނިސްޓަރު ވަނީ ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ.
މީގެ އިތުރުން، ވަޒީރު ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށާއި މި ކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
ޤުރުއާން ހިތުދަސްކުރާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.