28 Aug 2024, 14:45
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ހާއްސަ ޕޭޖެއް ގާއިމްކޮށްފިއެވެ.
މި ޕޭޖު ލޯންޗުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިގޮތުން މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުމާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުން ހިމެނެއެވެ. އަދި މިސްކިތް ބިނާކުރުމަށް އެހީވުމާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސާ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ވެސް ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޭޖުން ޞަދަޤާތްތަކާ ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މައުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.