ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް ފަދަ ވިޔަފާރީގެ މުއާމަލާތް ކުރުން ހުއްޓާލުމަށް ޓޫރިޒަމް މިނިސްޓްރީން ކައުންސިލްތަކަށް އެންގުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަމީމް ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ކައުންސިލަތަކަށް އަންގާފައިވާ އެންގުމަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ ވަކި ބައެއްގެ ރިސޯޓުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުމުގައި ކަމަށެވެ.

"..ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި މިފަދަ ތަންތާނގައި އިންވެސްޓު ކުރުމާއި އަދި މި އިންވެސްޓުމެންޓުތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ކަމަށް ބުނެފައި ވީހިނދު، ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްޙޫރިއްޔާ ކަނޑައަޅާފައިވާ ޓޫރިސްޓް ޒޯންތަކުގައި ސަރުކާރުން ޓެންޑާ އުސޫލުން ރިސޯޓު ހެދުމަށް ދޫކުރާ ފަޅުރަށްތައް ދޫކުރުމާއި، ..ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ވިޔަފާރި ކުރުމަށް ދޫކުރާ ބިންތަކުގައި ތަފާތު އެބަހުރި ކަމުގައި ދެކެން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން މޫސަ ވިދާޅުވި އެވެ.

މޫސަ ހުށަހެޅުއްވި ކުއްލި މައްސަލައާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރީގެ ފައިދާ ރައްޔިތުންނަށް ސީދާ ގޮތުން ލިބޭން އޮތް މަގު ސަރުކާރުން ބަންދުކޮށްގެން ނުވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް އެމްޑީޕީގެ މެންބަރުން ފާޑުވިދާޅުވި އެވެ.

ރާއްޖޭގެ މައި ތަނބު، ޓޫރިޒަމް ސިނާއަތުގެ ދިފާއުގައި ރީކޯ މޫސަ ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މެންބަރުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ވިސާމް އަލީ ވިދާޅުވި ޓޫރިޒަމް ބޯއިކޮޓް ކުރުމަށް ގޮވާލުމަށް ފަހު، މިއަދު ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ބުނުމުން އެމްޑީޕީ ބުނާ އެއްޗެއް "ދެކޮޅު" ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ ވާހަކަދައްކާއިރު އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތައް އޮތީ ކިހިނެއް. ބަޖެޓް ހިފަހައްޓައި ހަމައެކަނި މުސާރަ ދީފައި ތިބޭ ކައުންސިލަރުންތަކެއް އެތާ ތިބީ. ވެރިކަމުގައި ތިބި އިރު ކައުންސިލްތައް ފިއްތާލުމަށް ފަހު މިއަދު ކައުންސިލްތަކުގެ ދިފާއުގައި ވާހަކަ ދެއްކުމުން ހަމައެއް ނުޖެހޭ،" ވިސާމް ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި އިރު، އިއްޔެ ވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަނީ ކުއްލި މައްސަލައެއް ހަށަހަޅާފަ އެވެ. ބޮންޑާގެ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ތަކުރާރުކޮށް ފަސް ފަހަރެއްގެ މަތިން ކޯރަމް ގެއްލިގެން އެންމެ ފަހުން އިއްޔެގެ ޖަލްސާ ހުއްޓާލީ އެވެ.