28 Aug 2024, 12:16
އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަކޮށް އުފެއްދި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
"އިމިގްރޭޝަން ވޮޗް" އިފުތިތާހުކުރީ މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ބުނީ، ޖުލައި މަހުގެ 17ވަނަ ދުވަހުން ފެށިގެން މި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 369 މައްސަލަ އަންނަނީ ބަލަމުން ކަމަށެވެ.
އަދި، ކަށަވަރު ކުރަމުން އަންނަ މައްސަލަތަކުގެ އަދަދު 82 އަށް އަރާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ބިދޭސީން: އިމިގްރޭޝަން ވޮޗު މެދުވެރިކޮށް އާންމުންނަށް ވެސް ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ -- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ
މި ޕްލެޓްފޯމުން ކޮންމެ މީހަކަށް ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވޭނެއެވެ. ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތު ވެސް ހިއްސާ ކުރެވޭނެއެވެ.
މި ޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް"ކޮށް ވެސް ރިޕޯޓްކުރުމުގެ ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ދެކޭ ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް"ގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށެވެ. އެ އިދާރާއާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާއި ފޮޓޯ ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެ ގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރި ކުރަމުންދާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.