28 Aug 2024, 11:24
ކިޔޭވް (28 އޮގަސްޓް 2024): އެމެރިކާއާއި ޔޫރަޕްގެ އަމަލުތައް މިހާރު ހުރިގޮތުން ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ އެއް ފެށިދާނެކަމަށް ރަޝިއާއިން ބުނެފިއެވެ.
ހުޅަނގާ މުޚާތަބުކޮށް ދެއްވި ބަޔާނެއްގައި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ، ޔުކްރެއިން ހަނގުރާމައަކީ ހަގީގަތުގައި ރަޝިއާއާއި ނޭޓޯއާ ދެމެދު ނުސީދާ ގޮތެއްގައި ހިނގާ ހަނގުރާމައެއް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރެއިނަށް ހަތިޔާރު ދީގެން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރަން އެމެރިކާއާއި ޔޫރަޕުން ކުރާ މަސައްކަތްތަކަކީ ބިރުވެރި މަސައްކަތެކެވެ. ނުރައްކާތެރި އަދި ތިންވަނަ ބޮޑުހަނގުރާމައެއް ފެށުމަށް މަގުފަހިވެގެނެންދާނެ މަސައްކަތެކެވެ.
ލާވްރޯވް ވިދާޅުވި ގޮތުގައި ޔުކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޔުކްރެއިނަށް އެފް-16 ގެ ފައިޓާޖެޓް ފަދަ ބަރު ހަތިޔާރު ދީގެން ރަޝިއާއަށް ސީދާ ގޮތެއްގައި ހަމަލާދިނުމުގެ ފަހަތުގައިވަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިން ބާރެވެ. ޔޫރަޕްގެ ބޮޑު ތިން ބާރަކީ ޖަރުމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތެވެ.
މިއީ "އަލިފާނާ ކުޅުންފަދަ ކަމެއްކަން އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ދަންނަންޖެހޭނެ" ލާވްރޯވް ވިދާޅުވިއެވެ.
ލާވްރޯވް ވިދާޅުވި ގޮތުގައި ނޭޓޯ ފުޅާކުރުމުގެ ވިސްނުން އަދިވެސް އެމެރިކާ ދޫކޮށެއް ނުލައެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުން ކަމަށާއި ރަޝިއާއާ ހުޅަނގާ ދެމެދުގައިވާ ހޫނުކަން ނިއުކްލިޔާ ހަނގުރާމައަކާ ހަމައަށް ދިޔަނަމަވެސް ރަޝިއާ އަސްކަރީ ގޮތުން ވަށާލައި ރަޝިއާ ހިސާރުކުރުމުގެ ފުރުސަތު ނޭޓޯއަށް ނުދޭނެކަމަށް ލާވްރޯވް ވިދާޅުވިއެވެ.

ލާވްރޯވް
ރަޝިއާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ އަމީންއާންމު ދިމިތްރީ މިދްވެދޭވް ވަނީ ހުޅަނގުން ޔުކްރެއިނަށް ބަރުހަތިޔާރު ދީގެން ރަޝިއާގެ ސަރަހައްދުތަކަށް ސީދާ ގޮތެއްގައި ހަމަލާދީ އުދުވާން ހިންގުމަކީ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ހުޅަނގަށް ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ, ވާހަކަދައްކަވާފައެވެ.
މިދްވެދޭވް ވިދާޅުވި ގޮތުގައި މި ކަމަށް ބަދަލުހިފުމުގެ ގޮތުން ހުޅަނގުގެ "ތަދުވާ އެތައް ތަނެއްގައި" ރަޝިއާ ޖަހާނެކަން ހުޅަނގު ދަންނަންވާނެއެވެ. އަދި، ޔުކްރެއިނަށް ބަރު ހަތިޔާރު ދީގެން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރަން އެމެރިކާއާއި ޔޫރަޕުން މަސައްކަތްކުރާއިރު ރަޝިއާއަކީ އެމެރިކާއާއި ޔޫރަޕްގެ 30 އަށް ވުރެ ގިނަ ސިޓީ، މަދު މިނެޓު ކޮޅެއްގެ ތެރޭގައި ފުނޑާލައި، ބިމާހަމަކޮށްލެވޭވަރުގެ ބާރުގަދަ ހަތިޔާރު ހުރި ގައުމެއްކަން ހުޅަނގު ދަންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރަޝިއާގެ ދިފާއުގައި އެންމެ ފަހު ވަގުތު އެ ނުރައްކާތެރި ހަތިޔާރު ހުޅަނގާ ދެކޮޅަށް ބޭނުންކުރަން ރަޝިއާ ފަސްނުޖެހޭނެކަން އެމެރިކާއާއި ޔޫރަޕް ދަންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ. މިދްވެދޭވް މި އިޝާރާތް ކުރައްވަނީ ދުނިޔޭގެ ބައްރުތައް ހުރަސްކޮށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ރަޝިއާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްތަކަށެވެ.
އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލަކީ ގިނަ އަދަދެއްގެ ނިއުކްލިޔާ ވޯހެޑް ހަރުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލެވެ. މި ބާވަތުގެ މިސައިލުން އެމެރިކާއާއި ޔޫރަޕްގެ ބޮޑު ބައެއް 15 ވަރަކަށް މިނެޓު ތެރޭގައި ފަނާކޮށް ބިމާހަމަކޮށް ލެވިދާނެއެވެ. މީގެ ރައްދުގައި ހުޅަނގުން ރަޝިއާއަށް ދޭ ހަމަލާތަކުގައި ރަޝިއާގެ ބޮޑުބައެއް ވެސް ފަނާކޮށްލެވިދާނެއެވެ.
އެހެންކަމުން ރަޝިއާއާއި ހުޅަނގާ ދެމެދު އަސްކަރީ ސީދާ ކުރިމަތިލުމެއް ހިނގައިފިނަމަ އެއީ ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމައަކަށް ވެގެންދިޔުމުގެ އިތުރުން އެއީ ދުނިޔޭގެ ބޮޑުބައެއް ފަނާކޮށްލާނެ ހަނގުރާމައަކަށް ވާނެއެވެ. މިހާރު ދުނިޔޭގައި މި އޮތް ތަރައްގީއާއި ކުރިއެރުމާއި ޓެކްނޮލޮޖީ އެއްކޮށް ހަލާކުވެގެންދާނެ ފަނާކުރަނިވި ހަނގުރާމައަކަށް ވެގެންދާނެއެވެ.
އެތައް ސަތޭކަ މިލިޔަން މީހުން މަރުވެ، ނިއުކްލިޔާ ރޭޑިއޭޝަންތަކުގެ ސަބަބުން ދުނިޔޭގެ ބިމަކީ އިންސާނުންނަށް ވެސް އަދި ޖަނަވާރުންނަށް ވެސް ދިރިނޫޅެވޭނެ ތަނަކަށް ވެގެންދާނެއެވެ.
ހުޅަނގުގެ "ތަދުވާ އެތައް ތަނެއްގައި" ރަޝިއާ ޖަހާނެކަމަށް މިދްވެދޭވް އެ ވިދާޅުވަނީ އެމެރިކާގެ ދުޝްމަން އީރާނާ އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކަށް ރަޝިއާގެ އަސްކަރީ ޒަމާނީ ޓެކްނޮލޮޖީ ދިނުމާއި ޑޮލަރުގެ މުއާމަލާތްތައް ކުޑަކުރުމަށް ޗައިނާއާއި އިންޑިއާ ފަދަ ބްރިކްސްގެ ގައުމުތަކާ ގުޅިގެން ރަޝިއާއިން ކުރާ މަސައްކަތްތައް އިތުރުކުރުން ކަމަށް މުހައްލިލުން ލަފާކުރައްވައެވެ.
އެމެރިކާގެ އިގުތިސާދުގެ ހަގީގީ ބާރަކީ ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ މައިގަނޑު ފައިސާއަކީ އެމެރިކާ ޑޮލަރުކަމަށް ވެފައިވުމެވެ. އެމެރިކާއަކީ ހަތިޔާރުގެ ސިނާއަތާއި މަތިންދާ ބޯޓު އުފެއްދުމުގެ ސިނާއަތް ފިޔަވައި އެެހެން މާ ގިނަ ސިނާއަތްތަކެއް ހުރި ގައުމެއް ނޫނެވެ. އެމެރިކާގެ ސިނާއަތުގެ 65 އިންސައްތައަކީ ހަތިޔާރުގެ ސިނާއަތެވެ. ޑޮލަރު ގެ މުއާމަލާތްތައް ދަށްވެއްޖެނަމަ އެމެރިކާގެ އިގުތިސާދު ވަރަށް އަވަހަށް އަޑިއަޅާލާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ރަޝިއާއިން ހުޅަނގަށް އިންޒާރު މި ގޮތަށް ބަޔާންތައް ދެމުންގެންދާއިރު ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ވަނީ އެމެރިކާ ދިން އެފް-16 ގެ ފައިޓާ ޖެޓް ބޭނުންކޮށްގެން ރަޝިއާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެކަމަށް ވިދާޅުވެ، ވަރަށް ފަޚުރުވެރި ގޮތެއްގައި ވާހަކަދައްކަވާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ޔުކްރެއިނަށް އެފް-16 ގެ ފައިޓާޖެޓް ލިބުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ.
ރަޝިއާއިން ވަނީ އެމެރިކާއިން ޔުކްރެއިނަށް ދިން އެފް-16 ގެ ފައިޓާ ޖެޓްތައް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ހަލާކުކޮށްލާނެ ކަމަށް ބުނެފައެވެ.