މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއްސާއި ފައިސާއާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އދ. މަހިބަދޫން 22 އަހަރުގެ މީހަކު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ހޮޅިކޮޅާ އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްބޯ ކުޑަ ހަ ހޮޅިކޮޅު ފެނިފައި ވަނީ އޭނާ އެއްލާލި ޓިޝޫ ބޮނޑިއެއްގެ ތެރެއިންނެވެ. އަދި އޭނާ ނިދާ ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޒާތުގެ ބައެއް ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ނ. ވެލިދޫ އަށާއި އެ އަތޮޅު ހޮޅުދޫ އަށް ދިޔަ ބޯޓެއް ބަލައި ފާސްކުރި އިރު އެ ބޯޓުގެ ތެރެއިން ފެނުނު ވެރިއަކު ނުވާ ކޮތަޅެއް ތެރޭގައި އޮތް ޖިންސެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒްގެ ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.