28 Aug 2024, 07:11
މީގެ 23 އަހަރު ކުރިން ރިލީޒްކޮށް, ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ރެހެނާ ހޭ ތެރޭ ދިލް މޭ" އަލުން ތިއޭޓަރުތަކުގައި ދެއްކުމަށް ނިންމާއިފިއެވެ.
ފިލްމީ ތަރި ދިއާ މިރުޒާ ބޮލީވުޑަށް ތަޢާރަފުވި މި ފިލްމަކީ، ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ތަމަޅަ ޑައިރެކްޓަރު ގޯތަމް ވަސޫދޭވްގެ ތަމަޅަ ފިލްމު "މިންނަލޭ"ގެ ރިމޭކް ކަމަށްވާ "ރެހެނާ ހޭ ތެރޭ ދިލް މޭ"ގެ ލީޑް ތަރިންނަކީ މަގުބޫލު އެކްޓަރު އާރް މާދްވަން އަދި ސައިފް އަލީ ޚާނެވެ.
ތިނެސްކަން ލޯބީގެ މި ފިލްމުގެ ވާހަކައިގެ އިތުރުން ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ފިލްމު ގެނެސްދިން ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓެއިންމަންޓުން ބުނެފައިވަނީ ފިލްމު ދައްކަން ނިންމާފައިވަނީ ޕީވީއާރު އައިނޮކްސް ސިނަމާތަކުގައި ކަމަށެވެ.

ފިލްމު "ރެހެނާ ހެ ތެރޭ ދިލް މޭ"ގެ މަންޒަރެއް--ފޮޓޯ/ފޭސްބުކް
މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަފުތާއެއް ވަންދެން ބެލުންތެރިންނަށް ތިއޭޓަރުތަކުގައި ފިލްމު ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެންމެ ހަ ކްރޯޑު ރުޕީސްއިން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 10 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ.
މިއީ 90އިގެ އަހަރުތަކުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ފިލްމުން އާރް މާދްވަން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދިއިރު ފިލްމު އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް އެކްޓަރަށް ވަރަށް ގިނަ ދޮރުތަކެއް މި ފިލްމުން ހުޅުވުނެވެ.