ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް އުރުވަޝީ ރައުޓެލާގެ އިނގިއްޔެއް ޒަޚަމުވެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު، އެއް ލައްކަ ފިނިފެންމާ ހިމެނޭ މާބޮނޑިތަކެއް ލިބިއްޖެއެވެ.

އުރުވަޝީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަކަން އެނގޭނެ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމާ އެކު، ހެޔޮ ދުޢާގެ މެސެޖުތަކާ އެކު ގަދަ ރަތް ކުލައިގެ ފިނިފެންމާ ބޮނޑިތަކުން ބަތަލާ ދިރިއުޅޭ ގޭގެ ސިޓިންގް ރޫމް ފުރެން މާ ގިނަ ވަގުތެއް ނުނަގާ ކަމަށް މީޑީއާ ރިޕޯޓަރުން ވަނީ ބުނެފައެވެ.

އަވަސް ޝިފާއަކަށް އެދި ސަޕޯޓަރުން ފޮނުވި 'ލަގްޒަރީ މާބޮނޑިތަކާ' އެކު ނަގާފައިވާ ފޮޓޯތަކެއް ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ބަތަލާ އުރުވަޝީ ސަޕޯޓަރުންގެ ފަރާތުން ލިބުނު މާބޮނޑިތަކާ އެކު--ފޮޓޯ/ހިންދުންސަތާންޓައިމްސް
އާއްމުންގެ ފާޑުކިޔުންތައް މީގެ ކުރިން ވެސް ރައްދުވެފައިވާ ބަތަލާގެ ސޯޝަލް މީޑިއާ ޕޯސްޓާ ގުޅިގެން ބައެއް މީހުން ބުނެފައިވަނީ މިއީ ޕަބްލިކް ސްޓަންޓެއް ކަމަށާއި އާއްމުންގެ ސަމާލުކަން ހޯދުމަށް ކުރާ މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ބޮލީވުޑްއިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް އުރުވަޝީއަށް ލިބިފައި ނެތް ނަމަވެސް ބަތަލާގެ ވަރަށް ބޮޑު ފޭން ބޭސްއެއް އޮވެއެވެ. އުރުވަޝީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރި ކްރައިމް ޑްރާމާ ފިލްމު "ގުސްޕައިތިޔާ"އިންނެވެ.

ފިލްމުތަކުގެ އިތުރުން އުރުވަޝީއަކީ މިއުޒިކް ވީޑިއޯތަކުން ވެސް ފެންނަ ބަތަލާއެކެވެ. އުރުވަޝީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ "ވެލްކަމް ޓު ދަ ޖަންގަލް" އަދި "ކަސޫރު2" ހިމެނެއެވެ. މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މަގުބޫލު ވަރަށް ބޮޑަށް ލިބިފައިވާ ފްރެންޗައިސްގެ ދަށުން އުފައްދާ ދެ ފިލްމެވެ.