މާލޭގައި އަޅަމުންދާ ޓީޗަރުންގެ ފްލެޓް އިމާރާތް ނިންމަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 30.65 މިލިއަން ރުފިޔާގެ ލޯނެއް ނެގުމުގެ ހުއްދަ ސަރުކާރަށް ދިނުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ތައުލީމީ ފަންޑުން 40 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޓީޗަރުންގެ ފްލެޓް އަޅަނީ މާލޭގެ 369 ނަމްބަރު ކޮށީގަ އެވެ. ޖުމްލަ 83 ފްލެޓް ހިމެނޭ 10 ބުރީގެ އިމާރާތުގެ މަސައްކަތް ފެށީ މިދިއަ އަހަރު އެވެ. މަސައްކަތް ނިންމަން އޮތީ މިއަހަރުގެ ނިޔަލަށެވެ. ބިންގާ އެޅީ އޮކްޓޯބަރު 14، 2010 ގައެވެ.

ސަރުކާރުގެ އެދުމުގެ މަތިން އެ ލޯނު ނެގުމުގެ ހުއްދަ ދޭގޮތަށް ކޮމެޓީން ފާސްކުރީ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގަތް ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ލޯނަކީ ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ހިމަނާފައިވާ ލޯނެކެވެ. އެ ލޯނުގެ ހުއްދަ ސަރުކާރަށް ދޭން ނިންމާނީ އެ މައްސަލަ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ.

ތައުލީމީ ފަންޑާއި ހަވާލާ ދެއްވާ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ 38 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ފްލެޓްގެ މަސައްކަތަށް އިސްލާމިކް ބޭންކުން ލޯނެއް ނަގަން އެ ފަންޑުން ނިންމީ ބީއެމްއެލް އާއި އެސްބީއައިން ފޮނުވި ޕްރޮޕޯސަލްތަކަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

ލޯނާ ގުޅޭގޮތުން ކޮމެޓީގައި މެންބަރުން މިއަދު ވިދާޅުވީ އެ ލޯނަކީ ކެޕިޓަލް ހަރަދަކަށް ބޭނުން ކުރަން ނަގާ ލޯނަކަށް ވުމާއި އިމާރާތްކުރަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތެއް ނިންމުމަށް ކޮންމެހެން ބޭނުންވާ ލޯނަކަށް ވުމުން އެއީ ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ލޯނެއް ކަމަށެވެ.

"ހައުސިން ޕްރޮޖެކްޓަކަށް ވުމުން، މީގެ ސަބަބުން ގައުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅުވެގެންދާނެ، އޭގެ ސަބަބުން މީގެ ފައިދާ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ، މި ޕްރޮޖެކްޓް ލޯނުގެ ހުއްދަ ނުލިބި ލަސްވެއްޖެ ނަމަ އޭގެ ސަބަބުން ސަރުކާރަށް ގެއްލުންތައް ބޮޑުވެގެން ހިނގައިދާނެ ފަދަ ލޯނެއް މިއީ،" ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވި އެވެ.

މިއަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައިވާ ގޮތުން އެ ލޯނުގެ އިންޓަރެސްޓް 10 ޕަސެންޓް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ލޯނުގެ ގްރޭސް ޕީރިއަޑަކީ ދެ އަހަރެވެ. އަދި ލޯނު އަނބުރާ ދައްކާ ނިމޭނީ 10 އަހަރުގެ ތެރޭގަ އެވެ. އަދި އެ ލޯނަކީ އެ ޕްރޮޖެކްޓަށް ހިނގާ ހަރަދުގެ 70 ޕަސެންޓާ އެއްވަރުގެ ލޯނެއް ކަމަށް ވެސް ބަޖެޓްގައި ލަފާކޮށްފައި ވެއެވެ.