28 Aug 2024, 10:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތީ އަމިއްލަފުޅަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނޫންކަމަށާއި، ސިޔާސީ މަސައްކަތް ކުރައްވައިގެން އެމަނިކުފާނަށް ވެރިކަން ހޯއްދަވައިދެއްވީ އެހެން މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސްކަމަށް ޔާމީން ވަޑައިގަތީ އެމަނިކުފާނާ އެހެން ފަރާތްތަކުގެ މަސައްކަތުން ކަމަށެވެ. އަދި އެއީ ޔާމީންގެ އަމިއްލަފުޅު މަސައްކަތަކުން ނޫން ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަދި ޔާމީނަކި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެއްވެސް ވަރަކަށް ރައްޔިތުންގެ ތާއީދެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެއީ "ކަންނެތް" ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ. އަޅުގަނޑުމެންގެ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން މަސައްކަތްކޮށްދިނީ،ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ވި ވެރިކަން އައުމާ ހަމައަށްވެސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، މީގެ ކުރިން ޔާމީން، ޕީއޭ އުފައްދަވައިގެން އެ ޕާޓީއަށް 3،000 މެންބަރުން ހަމަނުވެގެން އުޅުއްވި އިރުވެސް އެކަމަށް ހައްލެއް ހޯދައިދެއްވީ އެމަނިކުފާނާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަދަ ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ބޭފުޅުންނާ މެދު ވެސް ޔާމީން ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ އެލީޒް
އަދި މިހާރު އަމިއްލަފުޅު ޕާޓީ، ޕީއެންއެފް އުފައްދަވައިގެން ވެސް 3،000 މެންބަރުން ވެސް ހަމަނުވެގެން އުޅުއްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ހަމައެއާއެކު މިހާރު ޔާމީން އަމަލުކުރައްވަނީ ވެރިކަމަށް ދަހިވެތިވެފައިވާ ފަރާތެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް އަގުވެއްޓިފައިވާ ފަރާތްކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑަށް އެ ދުވަހު އެނގުނީ ރައީސް ޔާމީނަށް ގައުމެއް ވެސް މުހިންމު ނޫންކަން. ޕާޓީއެއް ވެސް މުހިންމެއް ނޫންކަން. ރައްޔިތުންނެއް ވެސް މުހިންމު ނޫންކަން. ރައީސް ޔާމީނަށް މުހިންމީ ޔާމީންކަން،ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވިދާޅުވީ، ޔާމީނު ވެރިކަމުގައި ހުންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދޭތެރޭ ވެސް އަމަލުކުރެއްވީ އިހާނެތިކޮށް ކަމަށެވެ. އެވާހަކަ ހިއްސާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ތިން ފަހަރެއްގެ މަތިން އެމަނިކުފާނު މަގާމުން ވަކިކުރައްވަން ޔާމީން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ.
އޭރު އެގޮތަށް އެކަން ނުކުރެއްވުނީ އެމަނިކުފާނުގެ ވަށައިގެން ތިއްބެވި ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށް ވިދާޅުވިއެވެ.
އަދި ފެށުނީންސުރެ ވެސް ރައީސް މުއިއްޒަކީ، ޔާމީން ގަޔާވާ ބޭފުޅެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަޅުގަނޑު ކުރީގައި ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މި ހާލަތަށް އައީމާ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން. ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ،ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމަކީ މީގެ ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާއެވެ. ނަމަވެސް ޔާމީން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން އަންގަވާފައި ވަނިކޮށް އަބްދުއްރަހީމް އިސްވެ ހުންނަވައި އެކަމާ ދެކޮޅު ހެއްދެވުމުން ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން ޔާމީން ވަނީ ސިޔާސީ އެކި ޕޯޑިއަމްތަކުގައި އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.