"ޒައިނާ…" ޓީވީއަށް ނަޒަރު ހުއްޓާލި ނަމަވެސް، ޒައިނާގެ ވިސްނުން ހުރީ އެހެން ދިމާލަކަށްކަން އިޝްފާންއަށް އެނގުނެވެ.

އިޝްފާން އޭނާއަށް ގޮވާލުމާއެކު ޒައިނާ ޓީވީން ނަޒަރު ވަކިކޮށްލިއެވެ. އިޝްފާންއަށް ބަލާލިއިރު އޭނާ އިނީ ސީދާ ޒައިނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެ ނަޒަރުން ބުނެދޭން މަސައްކަތްކުރަނީ ކީކޭކަން ޒައިނާއަށް ނޭނގުނު ނަމަވެސް، އިޝްފާންގެ އެ ތޫނު ދެލޮލަށް ބަލަހައްޓައިގެން އިނުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ. އެހެންކަމުން ޒައިނާ އޭނާގެ ނަޒަރު އިޝްފާންއާ ވަކިކޮށްލިއެވެ. އޭރު އޭނާގެ ހިތުތެރޭގެ އިޙްސާސްތައްވެސް ހަލަބޮލިވެއްޖެއެވެ. ޒައިނާއަށް ވީ ގޮތް އެނގުނު އިޝްފާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒައިނާގެ ކޮންމެ އަދާއަކަށް އޭނާގެ ހިތް ފިދާވެއެވެ. އޭނާއާ ދިމާލަށް ބަލަން ނުކެރި އިސްޖަހާލާގޮތް އޭނާއަށް ވަރަށް ކަމުދެއެވެ. ޒައިނާގެ ހިތުގައި އޭނާއާ މެދު ވާ އިޙްސާސްތަކުގެ ތެދުވެރިކަމާއި ފުންކަން އޭނާއަށް އިޙްސާސްވުމާއެކު ހިތަށް އުފާވެރިކަން އިޙްސާސްވި ނަމަވެސް، ދެވަނަ ސިކުންތުގައި އިޝްފާންގެ ހިނިތުންވުން ފަނޑުވިއެވެ. ޒައިނާއަށް އޭނާއާ އެކީގައި މުސްތަޤްބަލެއްނެތްކަން އެނގި، އެހިތުގައި ރިއްސާލިއެވެ.

"އަހަރެން ބަލާނަން ވީހާވެސް އަވަހަކަށް ތަނެއް ހޯދައިގެން ދެވޭތޯ…" އިސްޖަހާލަމުން ޒައިނާ ބުނެލިއެވެ.

"އެއީ… ކިހިނެއްވީ؟ އަހަރެން މަންމަ އައިމަ އަންކޮމްފޮޓަބަލް ވީތަ؟" އިޝްފާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. ޒައިނާ ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ.

"ދެން ކީއްވެ؟" ޒައިނާ ދާނެ އިތުރު ތަނެއް ނެތްކަން އިޝްފާންއަށް އެނގޭތީ އޭނާއަށް ބުނެވުނެވެ.

"އަބަދު މި ގޭގައި ނުހުރެވޭނެއެއްނު." އެ އިން ގޮތަށް އިނދެ ޒައިނާ ބުނެލިއެވެ. އެ އަޑު އިވި އިޝްފާންއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އޭނާއަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

ސަވާއާއެކު ކޮޓަރިއަށް ވަނުމަށްފަހު މަދީހާ ފުން ނަޒަރަކުން ސަވާއަށް ބަލާލިއެވެ.

"މަންމަ ސުވާލުކުރީމަ ދޯ އެހާ އަވަހަށް ގޮވައިގެން ތިއައީ؟" ވީ ގޮތް އެނގޭ ފަދައަކުން މަދީހާ ބުނެލުމާއެކު، ސަވާ ބޯ ޖަހާލިއެވެ. މަދީހާ ހިނިތުންވެލުމަށްފަހު، ސަވާ އާއެކު ގޮސް އެނދުގައި އިށީނދެލިއެވެ.

"މަންމައަށް އެނގޭ ދަރިފުޅު ވާހަކައެއް ބުނަން ބޭނުންވެފަ ހުރިކަން. ބުނެބަލަ. ކިހިނެއްވީ؟" މަދީހާ ސަވާގެ އަތުގައި ހިފައްޓާލަމުން ސުވާލުކޮށްލިއެވެ.

"އެއީ ޒައިނާ…. ކުރިން ނުބުނެވުނީމަ ސޮރީ… އަސްލު ވަރަށް ގިނަ ކަންތައްތައް ހިނގައިފި." ސަވާ ބުނެލިއެވެ.

"އޭނަގެ އާއިލާގެ އެއްވެސް މީހެއް ނެތީތަ؟ ކީއްވެ މިގޭގައި އެ ހުރީ؟" މަދީހާ ސުވާލުކޮށްލުމާއެކު، ޒައިނާ އެ ގެއަށް އަންނަން ޖެހުނީ ކީއްވެގެންކަން ސަވާ ކިޔައިދިނެވެ. އެއަށްފަހު އޭނާ މަޑުޖެހިލަމުން ދެވިސްނުމެއްގައި އިނދެ މަދީހާއަށް ފުން ނަޒަރެއް ދިނެވެ. ސަވާ އަދިވެސް އިތުރު ވާހަކައެއް ބުނަން އުޅޭހެން ހީވުމާއެކު މަދީހާ ސަވާއާ ސުވާލުކޮށްލިއެވެ.

"އިޝްފާން…"ސަވާއަށް އެހެން ބުނެފައި އަނެއްކާވެސް މަޑުޖެހެވުނެވެ. މިކުރެވެނީ ރަނގަޅުކަމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. މަދީހާ ސަވާއަށް ބަލާލަމުން ތަކުރާރުކޮށް ސުވާލުކޮށްލިއެވެ.

"އިޝްފާން ކިހިނެއްވީ؟ އެ އަންހެން ކުއްޖާއާ އިޝްފާންއާ ގުޅުމެއް އޮތީތަ؟" މަދީހާ އޭނާއަށް ހުރިހާކަމެއް ކިޔައިދޭށޭ ބުނާ ފަދަ ނަޒަރެއް ސަވާއަށް ދިނެވެ.

"ހޫމް… ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ…" ސަވާއަށް ބުނެވުނެވެ.

"އޭތް… އަސްލު؟ އެހެން ކިހިނެއްވާނީ. އޭނަ އެ އިނީ މީހެއްގެ އިއްދައިގައެއްނު!" ހައިރާންކަމާއެކު މަދީހާ ސުވާލުކޮށްލުމުން އޭނާއަށް އެނގޭ މިންވަރަށް ހުރިހާ ވާހަކައެއްވެސް ސަވާ ކިޔައިދިނެވެ. އެހާ ދުވަސްފަހުން އިޝްފާން ގެ ޙަޔާތަށް ރަނގަޅުކުއްޖެއް އައުމުން މަދީހާއަށް ﷲއަށް ޝުކުރުކުރެވުނެވެ. މަދީހާގެ އެ އުފާވެރިކަން ފެނި ހަޤީގަތް ހާމަކުރާނެ ހިތްވަރެއް ސަވާއަކަށް ނުލިބުނެވެ. އެހެން ނޫނަސް އިޝްފާން އޮތީ އޭނާގެ ކައިރީގައި އެ ވާހަކަ ނުބުނަން ބުނެފައެވެ. މަންމަގެ އުފާވެރިކަން ހަލާކުކޮށްލާކަށް ސަވާ ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން ބައްޕަގެ ބޭވަފާތެރިކަން ހިތަށް އެރުމާއެކު އޭނާ މާޔޫސްވިއެވެ. ކޮންމެވެސް ދުވަހަކުން އެ ހަޤީގަތް މަންމައަށް އެނގެން ޖެހޭނެކަމަށް ގަބޫލު ކުރިނަމަވެސް، އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތަށް ނުވާތީ ސަވާ އެކަން ހާމަ ނުކުރިއެއް ކަމަކު، އޭނާގެ މޫނުމަތީގައިވި މަޑުމޮޅިކަން ސިއްރެއް ނުވިއެވެ. މަދީހާ އެކަމާ ބެހޭގޮތުން ސުވާލުކުރިއެއްކަމަކު ސަވާ އެ އިޙްސާސްތައް ހިންދާލަން މަސައްކަތްކުރިއެވެ. އެހެންކަމުން އޭނާ މައުޟޫ ބަދަލުކޮށްލީ އޭނާގެ މާޔޫސްކަން މަދީހާއަށް ފޮރުވާލުމުގެ ގޮތުންނެވެ.

"މަންމައަށް ދޭނެ އިތުރު އުފާވެރި ޚަބަރެއްވެސް އަހަރެންގެ އެބައޮތް." މަދީހާގެ މޫނަށް ބަލަން އިނދެފައި ސަވާ ހިނިތުންވެލިއެވެ.

"އިޝްފާން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލަން މަސައްކަތް ކުރޭ އެބަ. ކުރިން ދުވަހު ބުނި ދެން ދުވަހަކުވެސް ބޭނުމެއް ނުކުރާނަމޭ… " ސަވާ މަދީހާގެ އަތަށް ބާރުކޮށްލިއެވެ.

"އަލްޙަމްދުލިއްލާހި…" މަދީހާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އޭނާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އިޝްފާން އެ ނިންމުން ނިންމި ސަބަބެއް ކަމުގައި އެ އަންހެން ކުއްޖާ ވެދާނެބާއޭ މަދީހާގެ ހިތަށް އެރިއެވެ.

އޭގެ އިރުކޮޅެއްފަހުން މަދީހާއާއި ސަވާ ނުކުތްއިރުވެސް އިޝްފާންއާ ޒައިނާ ސިޓިން ރޫމުގައި ތިއްބެވެ. މަދީހާ އައިސް ޒައިނާގެ އެއްފަރާތުގައި އިށީނދެ ރަނގަޅަށް ޒައިނާއަށް ބަލާލިއެވެ. ލާފައިހުރި ކަޅުކުލައިގެ އަބާޔާ ހުރީ ގަޔަށް ދޫކޮށެވެ. އަޅާލާފައިވަނީ އާދައިގެ ބުރުގާއެކެވެ. އެއްވެސް މޭކަޕެއް ނުކުރާއިރުވެސް އެ ރީތިކަން ފަނޑެއް ނުވެއެވެ. މަދީހާ މާ ވަރަކަށް އޭނާއަށް ބަލާކަން އެނގި ޒައިނާ އިނީ ލަދުގަންފައެވެ. އިޝްފާންއަށްވެސް އެކަން ފާހަގަވިއެވެ. އެހެންނަމަވެސް، ނުވާ ކަމަކަށް ހަދާލާފައި އޭނާ ވެސް އެތަނުގައި އިނީއެވެ.

"މަންމަ ނިދަންވީނު އަހަރެން ކޮޓަރީގައި. ދެން ސަވާއާ ޒައިނާއާ ދެމީހުންނަށް އެކޮޓަރީގައި ނިދޭނެއެއްނު." އިޝްފާން ޚިޔާލެއް ދިނެވެ. އޭނާ އެހެން ބުނީ މަދީހާއާއި އެއްކޮޓަރިއެއް ހިއްސާކުރަން ޒައިނާއަށް އުނދަގޫވާނެކަން އެނގޭތީއާވެސް އެކުގައެވެ. އެކަން ސަވާއާ މަދީހާއަށް ވެސް ރޭކާލުމާއެކު އެމީހުންވެސް އެގޮތާ އެއްބަސްވިއެވެ.

ނުތަނަވަސްވެފައި އިން ޒައިނާއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ޒައިނާ މަޑުމަޑުން އިނދެ ދޫކޮށްލި ފުން ނޭވާ ފެނުމާއެކު އިޝްފާންއަށް ލުއިކޮށް ހީނލެވުނެވެ. އެދެމީހުންނަށް ފުން ނަޒަރަކުން ބަލަމުން ދިޔަ މަދީހާގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އެތަކެއް ދުވަހެއް ފަހުން އިޝްފާންއަށް އުވާފެރިކަމެއް ލިބެން އުޅޭތީކަމަށްވެސް ވެދާނެއެވެ. އެ ދަރިފުޅުގެ އުފާތައް މީގެ ކުރިން ފަތުޙީ ވަނީ ނިގުޅައިގަތްފައެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެ ފުރުސަތެއް ފަތުޙީއަކަށް ނުދޭނެއެވެ. ޒައިނާ އަކީ ކިތަންމެ ނިކަމެތި ކުއްޖަކަށް ވީ ނަމަވެސް، މަދީހާ މިފަހަރު ފަތުޙީއާ ދެކޮޅަށްވެސް އިޝްފާންއަށް އޭނާގެ ލޯބި ހޯދަ ދޭނެއެވެ. އެ ހުރިހާ ކަމަކަށް ވިސްނަމުން ދިޔަ މަދީހާއަށް ނޭނގުނު ކަމަކީ އިޝްފާންއާ ޒައިނާގެ ގުޅުމަކީ ފެށުމެއްނެތި ނިމިފައިވާ ގުޅުމެއްކަމެވެ. ދެ ހިތުގައި ލޯބި ވިއެއްކަމަކު އެއީ ފުރުސަތު ދެވެން ނެތް ލޯތްބެއްކަމުގައެވެ.

އެ ދުވަހު މެންދުރަށް ސަވާ ކެއްކީ ބިރިޔާނީއެވެ. ސެލެޑު ތައްޔާރުކުރީ ޒައިނާއެވެ. ޖޫސް ގިރާލާފައި މޭޒު މަތި ތައްޔާރުކޮށްލާފައި، ސަވާ ގޮސް މަދީހާއާއި އިޝްފާންއަށް ގޮވިއެވެ. ޒައިނާ އުޅުނީ ސަވާ ކައިރީގައި އިށީންނަން ނަމަވެސް، އެކަން އެނގި މަދީހާގޮސް ސަވާގެ ކައިރީގައި އިށީނުމުން ޒައިނާ އިށީންނަން ޖެހުނީ އިޝްފާންގެ ގާތުގައެވެ. މަދީހާ އެކަން ކުރީ ގަސްތުގައިކަން އެނގޭ ހަމައެކަނި މީހަކީ ސަވާއެވެ. އޭނާ އިޝްފާންއާ ސަވާއަށް ބަލާލާފައި ތުންފަތުގައި ދަތް އަޅާލިއެވެ. އެ ދެހިތުގެ ޙާލު މަންމައަށް އެނގޭނަމައެވެ. ކިތަންމެ ވަރަކަށް އެ ދެމީހުން ގުޅުވަން މަސައްކަތްކުރިއެއްކަމަކު އެއީ ވުން ނާދިރުކަމެކެވެ.

ކާ އެއްޗެހި އަޅަން އުޅުނު ވަގުތު ޒައިނާގެ އަތް އިޝްފާންގެ އަތުގައި ބީހުނީ ދެމީހުންނަށް އެއްފަހަރާ ސަމްސަލުގައި އަތް ލެވުނީތީއެވެ. ޒައިނާ ނިކަން އަވަހަށް އަތް ދަމައިގަތްއިރު އިޝްފާންއަށް ވެސް ޒައިނާއަށް ބަލައިލެވިއްޖެއެވެ.

"ސޮރީ…" ޒައިނާ މަޑުމަޑުން ބުނެލިއެވެ. އިޝްފާން ހަމައެކަނި ބޯ ޖަހާލީއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެއެވެ.

"ސެލެޑް ވެސް ހީވަނީ ވަރަށް މީރުވާނެހެން." ބިރިޔާނީ އަޅާފައި ސެލެޑް ތަށިން ސެލެޑް އަޅަމުން އިޝްފާން ބުނެލިއެވެ. އެއާއެކު ޒައިނާއަށް އިޝްފާންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ސެލެޑް ރަހަބަލާފައި އިޝްފާން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ އިންފަދައެވެ.

"ދިސް އިޒް ސޯ ގުޑް… ކިއުކަންބާ އާ އަންނާރުވެސް އެބަ ހުރި. އައި ނޯ ދޮންތަ ކެއްކިއްޔާ ކޮންމެ އެއްޗެއް ވެސް މީރުވާނެކަން." އިޝްފާން އޭނާގެ އަތުގެ ބޮޑުވާ އިނގިލި ސަވާއަށް ދައްކާލިއެވެ.

"ސެލެޑް ހެދީ ޒައިނާ…" އިޝްފާންއަށް ބަަލަން އިނދެ ސަވާ ބުނެލުމާއެކު، އިޝްފާން ހުއްޓުން އެރިއެވެ. އޭނާ ޒައިނާއަށް ބަލާލިއިރު ޒައިނާ އިނީ ލުއިކޮށް ހިނިތުންވެލައިގެންނެވެ. ޒައިނާގެ އެ ހިނިތުންވުން ފެނި އިޝްފާންއަށް ވެސް ބޭއިޚްތިޔާރުގައި ހިިނިތުންވެވުނެވެ.

ކައި ނިންމާލައިގެން ގޮނޑިން ތެދުވު ވަގުތު އިޝްފާންގެ ބޮލަށް އެނބުރުން އަރާގޮތްވެ މޭޒުގައި ހިފައްޓާލެވުނެވެ.

"އާރ ޔޫ އޯކޭ؟" ސަވާއާ ޒައިނާއާ ދެމީހުންނަށް އެއްފަހަރާ އެހެން ބުނެވުނުއިރު، މަދީހާއަށް އެ ދެމީހުންނަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ބޮލަށް ގޮތެއްވީ. ތެދުވެވުނު ގޮތަކުން ކަންނޭނގެ." އެހެން ބުނެލާފައި އިޝްފާން ސިންކު ދޮށަށް ގޮސް އަތް ދޮވެލި އެވެ. ޓިޝޫއަކުން އަތް ފުހެލާފައި ޑަސްބިނަށް ލާފައި ހިނގައިގަތް ވަގުތު އަނެއްކާވެސް އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ކުއްލިއަކަށް އެނބުރުން އަރަންވީ ސަބަބެއް ނުވިސްނުނު އިޝްފާން ހާސްވީ އޭނާގެ ނޭވާވެސް ކުުރުވަމުން ދިޔައީތީއެވެ. ބަދިގެ ކެބިނެޓްގައި އަތް އަޅުވާލެވުނުކަން އެނގުނެވެ. މޫނުމައްޗަށް އަނދިރިވީ ވަގުތު ސަވާއާ ޒައިނާގެ އިތުރުން މަދީހާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނުކަންވެސް އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. އަނދިރިކަން ވެރިވެ އިޝްފާން ޚަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.

(ނުނިމޭ)