މަސްވެރިކަން ކުރުމުގައި ގއ. ވިލިގިނލީގައި އެކި ފަރާތްތަކުން ބިދޭސީންގެ މަސައްކަތްކުރުން ހުއްޓުވަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އެ ރަށުގެ ކައުންސިލްގެ މައްޗަށް އަމުރުކޮށްފި އެވެ.

އިއްޔެ އަމުރު ނެރުނީ އެރަށުގައި ވިލިނގިލީގައި ކުރާ މަސްވެރިމުގައި ބިދޭސީން ބައިވެރިވުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެރަށު އަންބަރީގޭ، އަންވަރު މޫސާ ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.

މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނަނީ ވިލިނގިލީގެ މަސްވެރިކަމުގައި ބިދޭސީން މަސައްކަތް ކުރަމުންދިއުމުގެ ސަބަބުން ރަށުގެ މަސްވެރިވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށް އެފުރަސަތު ގެއްލިގެންދާ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގައި ބިދޭސީން އުޅުމަކީ މަނާކަމެއް ކަމަށް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނާއި ހިލާފަށް ކުރާކަންތައްތަކުގެ ތެރެއިން ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ހިމެނޭ ކަންތައް ތަކަކީ މޯލްޑިވްސް ޕޮލިސް ސާވީސްގެ އެހީތެރިކަމާއެކު އެ ކައުންސިލަކުން ހުއްޓުވާން ޖެހޭނެ ކަންތައް ކަމަށާއި އަދި ދައުވާ ކުރާފަރާތުން އެދިފައިވާ ގޮތަށް އަމުރެއް ކޯޓުން ނުނެރެފި ނަމަ އޭގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ މުރުގައި ބުނެ އެވެ.

ބިދޭސީންގެ މައްސަލައިގައި ކޯޓަށް ދިޔަ އަންވަރު މޫސާ މިއަދު ބުނީ ރަށުގެ މަސްވެރިކަންކުރާ ގާތްގަނޑަކަށް ހުރިހާ ދޯނިތަކެއްގައި ވެސް ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށެވެ. ވިލިނގިލީގައި މަސްވެރިކަން ކުރުމަށް 10 ދޯނި އޮވެ އެވެ. އެ ދޯނިތަކުގެ ތެރެއިން އެންމެ މަދުން ބިދޭސީން އުޅޭ ދޯނިފަހަރުގައި ވެސް ތިން މީހުންނަށްވުރެ ގިނައިން ބިދޭސީން އުޅޭ ކަމަށް ވެއެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ.