ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންތަކަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ އެކު އިިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހު 11ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި ވާކަމަށެވެ.

އަދި މިކަމުގައި ޝާމިލުވާ ބިދޭސީ ތިން އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް މިހާރު ޑީޕޯޓުކޮށްލާފައި ވާކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

ޑީޕޯޓުކޮށްލި މީހުންގެ ވަނަވަރު އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެއްވެ. އޭގެތެރޭގައި ހިމެނެނީ:

  • 35 އަހަރުގެ ފިރިހެނެއް

  • 41 އަހަރުގެ އަންހެނެއް
  • 38 އަހަރުގެ އަންހެނެއް
  • 36 އަހަރުގެ އަންހެނެއް

ހަށިވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ކުރަމުން އަންނަނީ ބިއުޓީ ސެލޫންތަކާއި ސްޕާފަދަ ތަންތަނުގައެވެ.

ގަވާއިދާ ޚީލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން ހިންގަމުން އަންނަ އޮޕަރޭޝަނުގެ ދަށުން މީގެ ތިން ވަރަކަށް ދުވަސް ކުރިން ވަނީ މާލޭގެ މަޝްހޫރު ދެ ސެލޫނެއް ބަންދުކޮށް އެތަން ހިންގަމުން އައި ބިދޭސީންތައް ޑީޕޯޓުކޮށްލާފައެވެ.