ރޭ ދަންވަރުގެ ވަގުތެއްގައި ޑްރަގް ކޯޓަށް ވަގަކު ވަދެ ވައްކަން ކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ކޯޓުން މިއަދު ބުނެފައި ވަނީ މިހާތަނަށް ބެލެވޭ ގޮތުގައި މި ކަމުގައި އުޅެފައިވަނީ އެންމެ މީހެއް ކަމަށެވެ.

އަދި ބެލެވޭ ގޮތުގައި އޭނާ ކޯޓު ތެރެއަށް ވަދެފައިވަނ،ީ ކޯޓާ އިންވެގެންވާ ގެތަކާ ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތްކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އޭނާ އެމާލަމުން ކޯޓުގެ އެހެން ހިސާބުތަކަށް ވަދެ ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައ،ި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައި ވާކަމަށް ބުނެފައިވެއެވެ.

އަދި މި ވައްކަމާ ގުޅިގެން ފުލުހުންގެ ޓީމެއް ކޯޓު ބަލައިފާސްކޮށް މައްސަލަ ތަޙުޤީޤުކުރަމުން ގެންދާކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން 2022ވަނަ އަހަރު ވެސް އެ ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ މީހަކު ވަނީ އެ ކޯޓުން ވައްކަންކޮށްފައެވެ.