26 Jun 2012, 11:19
ދުވަސްފުރާ ވިހާފައިވާ ކުޑަ އަންހެން ކުއްޖަކު ށ. ފޭދޫ ގިފިއްޔެއްގެ ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު މައްސަލައިގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ސަން އޮންލައިނަށް އެގިފައިވާ ގޮތުގައި ށ. ފޭދޫ ސްކޫލްގައި ކިޔަވަމުން އައި 15 އަހަރުގެ ކުއްޖަކު ވިހާފައި ދަރިފުޅު ވަޅުލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާއާއި އެކުއްޖާގެ މަންމައާއި ދޮންބައްޕަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަތަހުގީގު ކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު ހިނގި ހަމަނުޖެހުންތަކުގައި ދެ ފުލުހަކަށް އަނިޔާވެފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ފޭދޫ ކައުންސިލް އިދާރާ އިން ކުރި ރިޕޯޓާކާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ބެލިއިރު އެ ކުއްޖާ ވަޅުލާފައި އޮތީ އަންހެން ކުއްޖާގެ ދިރިއުޅޭ ވައިމަތީގޭ ގިފިލި ތެރޭގައި ކަމަށެވެ.
ނަން ނުޖެހުމަށް އެދި ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރު ކުއްޖަކު ވިހެއީ އޭނާގެ ދޮންބައްޕައަށް ކަމަށް އެރަށު ބައެއް މީހުން ތުހުމަތު ކުރާ ކަމަށެވެ. އަދި ވިހެއުމަށް ފަހު މަރާލައި ވަޅުލީ އަންހެން ކުއްޖެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެމީހާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ އަންހެން ކުއްޖާ ބަލިވެ އިނީ އޭނާގެ ދޮންބައްޕައަށް ކަން ސިއްރު ކުރުމަށް އާއިލާ އިން މަސައްކަތް ކުރި ކަމަށާއި އެ ކުއްޖާ އިއްޔެ ވިހޭ ކަން އެނގުނީ ރަށު ބަޔަކަށް ޝައްކުވެގެން ބެލުމުން ކަމަށެވެ.
އެމީހާ ބުނީ އެ އަންހެން ކުއްޖާ އަށް އެކި ފަހަރު މަތިން އެ ރަށުގެ މީހުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށެވެ.