މި ސަރުކާރުން އުޅެނީ ބަޣާވާތުގެ ތުހުމަތުކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އެމްޑީޕީއަށް ބިރުދައްކަން ކަމަށާއި، ބިރުދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން ވަނީ ރޭ އެ މައްސަލަ ބަލަން ފަށައިފައެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި އޮތީ ބީއެމްއެލުން ރައްޔިތުންނަށް ސިހުމެއް ލިބޭ ގޮތަށް ނިންމުމެއް ނިންމި ވަގުތު، އެމްޑީޕީން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތިބުމަކީ އިއްތިފާގެއް ނޫންކަމަށެވެ. އަދި އެ ވަގުތު އެތަށް ބޮޓު އެކައުންޓެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ގޮވާލިކަމަށާއި އެހެން ކަމުން އެއީ ގާނޫނީ ސަރުކާރެއް ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތަތީ، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި ކަމާ ގުޅިގެން ރޭ އޮތް އެމްޑީޕީގެ ޕެނަލް ޑިސްކަޝަނެއްގައި މައުރޫފް ވިދާޅުވީ ގައުމުގެ މާލީ ހާލަތާ ގުޅޭ ގޮތުން އެމްޑީޕީން ވާހަކަ ދައްކާތީ، އެ ޕާޓީން ހިންގީ ބަޣާވާތެއް ކަމަށް ތުހުމަތުކޮށް، ބަޔާން ނެރުނީ ބިރު ދައްކަން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ބީއެމްއެލްގެ ބޯޑަށް ވެސް ބިރު ދެއްކުމަށްކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީއަށް ބިރު ދެއްކުމަށް ބަޔާން ނެރުމަކީ ގޯހެއް ކަމަށާއި އެ ޕާޓީ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އެ ގޮތުން ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރުމުގައި އެ ޕާޓީން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ކާކަށް ބިރު ދައްކަންތޯ؟ އަޅުގަނޑުމެން ހަމަ ކޮސްވެ ހައިރާންވެއްޖެ. ހަދާނެ ހަމަ އެއްވެސް ގޮތެއް ނޭނގޭ. މިހާރު މި އުޅެނީ ބޭންކުގެ މުވައްޒަފުންނަށް ނުވަތަ ބޭންކު ބޯޑު ހިފާ ހައްޔަރު ކުރަންބާއޭ އަޅުގަނޑު އެބަ ހިތަށް އަރައި. ނުވަތަ އަޅުގަނޑުމެން، މި ވާހަކަ ދައްކާ ފަރާތްތައް ހިފާ ހައްޔަރުކުރަން. އެ ހައްދަވަނީ ވަރަށް ބޮޑު ގޯހެއް" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އައީ ރައްޔިތުންނަށް ގައުމުގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ބުނެދެމުންނެވެ. ރައްޔިތުންގެ ބޮލުގައި ދަަރަންޏެއް އަޅުވައި، އެމްޑީޕީން ފިލީ ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރީ ވެސް ދަރަނި ދެއްކޭނެ ގޮތްތައް އެނގި ތިބެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، ގައުމުގެ ދަރަންޏާ ދޭތެރޭގައި ހާސްކަމެއް ނެތް ކަމަށާއި، އެ ކަންކަން ފޫބައްދާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި އިންތިޚާބުގެ ކުރިޔަށް ވެސް ދިވެހި ރައްޔިތުންނަށް އެނގޭ 2025ވަަނަ އަހަރު ދައްކަންޖެހޭ ދަރަންޏެއް އޮތްކަމާއި 2026ވަނަ އަހަރު ދައްކަން ޖެހޭ އެޔަށްވުރެ ބޮޑު ދަރަންޏެއް އޮތްކަން. އެމްޑީޕީން އައީ އެ ކަމަށް ތައްޔާރުވެގެން" މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީން ހިންގީ މާލީ ބަޣާވާތެއް ކަމަށް ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ރޭ ވިދާޅުވިއިރު، އެ މައްސަލައިގައި އަދި އެކަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ރައީސް ރޭ ވަނީ، މި މައްސަލައައިގެ ތަހުގީގަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.