ސަރުކާރު ވައްޓާލަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންވެވަޑައިގަންނަވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިރަށް ވޮޝިންޓަންގައި ތަގުރީރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބެއް ބާއްވައިގެން ހޮވެނީ ކާކުތޯ ބެލުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

"ސަރުކާރެއް ވައްޓާލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން، އަޅުގަނޑުމެން ބޭނުންވަނީ އިންތިހާބެއް، އަޅުގަނޑުމެންނަށް އިންތިހާބެއް [ބާއްވަވައި] ދެއްވާ؟ އަދި ހޮވެނީ ކާކުތޯ ބަލަމާ ހިންގަވާ!" އެމެރިކާގެ އިންސްޓްޓިއުޓް އޮފް ޕީސް އިން އިންތިޒާމްކުރި ހަރަކާތެއްގައި ތަގުރީރު ކުރައްވަމުން ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ.

ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ސިޔާސީ އިސް ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ބުންޏެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަޓް ބްލޭކް އާއި އެ ގައުމުގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރުންނާއި މެދުއިރުމައްޗާއި އޭޝިއާއަށް ކަނޑައަޅާފައިވާ ކޮމިޓީގެ ސަބް ކޮމިޓީގެ މެމްބަރުންނާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ.

ޔުނައިޓެޑް ސްޓޭޓްސް އިންސްޓްޓިއުޓް އޮފް ޕީސްއަކީ ބައިނަލް އަގުވާމީ ގޮތުން އުފެދޭ ކޯޅުންތައް ހަނގުރާމައަކަށް ނުގޮސް، ވާހަކަ ދައްކައިގެން ހައްލު ކުުރުމުގައި ވަކި ފަރާތަކަށް ނުޖެހި، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާގެ ކޮންގްރެސް އިން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ޖުލައިމަހުގެ ފުރަތަމަ ދުވަހު އެވެ.