27 Aug 2024, 14:22
ތެލްއަވީވު (27 އޮގަސްޓް 2024): ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި މީހުން މެރުންފަދަ ޖަރީމާތައް ހިންގާ ގައުމަކީ އީރާން ކަމަށާ އީރާނާ ކުރިމަތިލުމަށް އެމެރިކާގެ އަސްކަރީ އިތުރު އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ޗާލްސް ބްރާވްން ގެ ކިބައިން އެދިއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގެން އުޅުއްވާ ބްރާވްން އާ ބައްދަލުކުރެއްވުމަށްފަހު ގަލަންޓް ބުނީ އިސްރާއީލާ ދެކޮޅަށް އީރާނުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ އަމަލުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށާއި އީރާނާ ކުރިމަތިލުމަށް ޓަކައި އަސްކަރީ ހުރިހާ މައިދާނެއްގައި އެމެރިކާ ފުލް ސަޕޯޓާއި ޒަމާނީ އިތުރު ހަތިޔާރު އިސްރާއީލަށް ބޭނުންވެފައިވާ ކަމުގައެވެ.
އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ޗާލްސް ބްރާވްން އިސްރާއީލުގައި ދެއްވި ބަޔާނެއްގައިވަނީ މިހަފްތާގެ ކުރީކޮޅު ހިޒްބުﷲ އިން އިސްރާއީލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކަށްފަހު ސަރަހައްދީ ހަނގުރާމައަކަށް ދިޔުމުގެ ފުރުސަތު މިހާރު ކުޑަވެފައިވާކަމަށް ވިދާޅުވެފައެވެ.
ހިޒްބުﷲ އިން އިސްރާއީލަށް ބަދަލުހިފުމުގެ ހަމަލާތައް ދިނީ އިސްރާއީލުން މި މަހު ކުރީކޮޅު ޓެރަރިސްޓް ހަމަލާއެއްދީ ހިޒްބުﷲ ގެ އިސް ވެރިއެއްކަމަށްވާ ފުއާދު ޝުކުރު އަވަހާކޮށްލި ޖަރީމާއަށް ބަދަލު ހިފުމުގެ ގޮތުންނެވެ.
ހިޒްބުﷲ އިން 320 އަށްވުރެ ރޮކެޓާއި ޑްރޯން އަދި މިސައިލުން އިސްރާއީލަށް ދިން ހަމަލާތައް އިސްރާއީލުގެ ބައެއް ތަންތަނަށް އަރާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ބައެއް ރޮކެޓް އިސްރާއީލުގެ ދިފާއީ ސިސްޓަމްތަކުންވަނީ ވައްޓާލާފައެވެ.
އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް އިސްރާއީލަށް ވަޑައިގަތުމާއެކު ވެސް ހިޒްބުﷲ އިންވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް 20 ރޮކެޓް ފޮނުވާލާފައެވެ. ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ ޣައްޒާގެ ރައްޔިތުންގެ ދިފާއުގައެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ކޮންމެ ދުވަހަކު ހިންގާ ގަތުލުއާންމުތަކާއި ޓެރަރިސްޓް ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.
އިސްރާއީލުން މިމަހުގެ ކުރީކޮޅުވަނީ އީރާނަށް ޓެރަރިސްޓް ހަމަލާއެއްދީ ހަމާސްގެ ކުރީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލާފައެވެ. މިޖަރީމާއާ ގުޅިގެން އީރާން ވެސް ވަނީ އިސްރާއީލަށް ބަދަލު ހިފުމުގެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި އުދުވާނުގައި އިސްރާއީލު ވަނީ ޣައްޒާގެ 40 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި ދޮޅު ލައްކައަށްވުރެ ގިނަ މީހުން ޒަޚަމްކޮށް ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތައް ބިމާ ހަމަކޮށްލާފައެވެ.
މި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރުގެ މައްޗަށް ޝަރީއަތް ހިންގުމަށް ޓަކައި އެދެ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާރު ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައެވެ.
އަދި މި އަމުރު ނެރުން ލަސްވާތީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާރ ވަނީ މި އަމުރު ނެރުން އަވަސްކޮށްދިނުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް މިދިޔަ ހަފްތާގައި އިލްތިމާސް ކުރައްވާފައެވެ.