27 Aug 2024, 17:40
އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ އަންހެން ސިންގަލްސް ޗެމްޕިއަން އަދި މިފަހަރުގެ މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ކާމިޔާބީ އަކާއެކު މުބާރާތް ފަށައިފިއެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުގައި ގައުފް ކުޅުނު މެޗު ކާމިޔާބު ކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ވާވަރާ ގްރަޗޭވާއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އޭނާ މިމެޗުގެ ދެ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ސުމަކުންނެވެ.
މިދިޔަ ސީޒަންގެ ފައިނަލްގައި އަރީނާ ސަބަލެންކާ ބަލިކޮށް ތަށި އުފުލާލީ ގައުން މިސީޒަންގައި އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގެ ސެމީ ފައިނަލަށް ދަތުރު ކުރި ނަމަވެސް ފަހަކަށް އައިސް އޭނާއަށް މާރަނގަޅު ކުޅުމެއް ދެއްކެމުންނެއް ނުދެއެވެ. މިގޮތުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ތިންވަނަ ބުރުން ބަލިވިއިރު ސިންސިނާޓީ އާއި ޓޮރޮންޓޯ މުބާރާތުގައިވެސްވަނީ ކުރީކޮޅު ބަލިވެފައެވެ. އެހެން ކަމުން މިއީ ރަނގަޅު ފެށުމެއްގެގޮތުގައި އޭނާ ފާހަގަ ކުރެއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ގައުފް ވަނީ މިއީ ފަހަކަށް އައިސް އޭނާއަށް އެންމެ ރަނގަޅަށް ކުޅުވުނު މެޗުކަމުގައި ހާމަކޮށްފައެވެ.މިމުބާރާތުގެ ދެވަނަ ބުރުގައި ގައުފް ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ ޓަޓްޔާނާ މާރިއާ އާއެވެ. ޓަޓްޔާނާ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި އާޖެންޓީނާގެ ސޮލާނާ ސިއޭރާއާ ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ފަހުގެ އޮލިމްޕިކް ޗެމްޕިއަން އަދި މިމުބާރާތުގައި ހަތްވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޒެން ގިންވެން އާއި އެމެރިކާގެ އެމެންޑާ އަނިސިމޯވާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކުރީ ޒެން އެވެ. މިމެޗުގެ ފުރަތަމަ ސެޓު އަނިސިމޯވާ ހަތަރެއް ހަޔަކުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓު ޒެންވަނީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށް މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދައިފައެވެ.
މިފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ އަލްވަދާއުކީ ދިހައަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވެގެންދިޔައީ ނުވަވަނައަށް ސީޑު ކުރެވިފައިވާ ގްރީސްގެ މާރިއާ ސަކާރީއެވެ. ސަކާރީ ފުރަތަމަ ބުރުގައި ޗައިނާގެ ވޭން ޔަފާން އާއި ބައްދަލުކުރި މެޗުގެ ފުރަތަމަަ ސެޓުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ވަނީ މެޗުން ރިޓަޔާ ކޮށްފައެވެ.