ސްޕެނިޝް ލަލީގާގެ ރާޔޯ ވަޔެކާނޯއަށް ކޮލަމްބިއާ ޤައުމީ ޓީމުގެ ކެޕްޓަން ހެމޭޒް ރޮޑްރިގޭޒް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ރޮޑްރިގޭޒް ވަޔެކާނޯއަށް ސޮއިކޮށްފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އުމުރުން 33 އަހަރުގެ ރޮޑްރިގޭޒް އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ ކްލަބެއް ކަމުގައިވާ ސައޮ ޕާލޯ އަށެވެ.

ނަމަވެސް, މިދިޔަ ސީޒަން ނިމުމުން އެޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު އޭނާ ހުރީ ކްލަބެއް ނެތިއެވެ. މިއަހަރުގެ ޖުލައި މަހު އެމެރިކާގައި ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ކޮލަމްބިއާ ޓީމުގެ ކެޕްޓަންކަން ކުރި ރޮޑްރިގޭޒްވަނީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފައެވެ.

އެމުބާރާތުގައި އޭނާވަނީ ހަ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިދިޔަ ސީޒަންގައި 17ވަނައިގައި އޮވެ ސީޒަން ނިންމާލި ވަޔެކާނޯ މިސީޒަންގައި މިހާތަނަށް ކުޅުނު ދެމެޗަށްފަހު އުޅެނީ އަށް ވަނައިގައެވެ. އެއީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށް އެއް މެޗު އެއްވަރު ކޮށްގެންނެވެ.

ރޮޑްރިގޭޒް އެންމެ ބޮޑަށް ވިދާލީ 2014ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްއިންނެވެ. އެ މުބާރާތުގައި ރޮޑްރިގޭޒްވަނީ ކޮލަމްބިއާ ކްއާޓަ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެމުބާރާތުގައި އޭނާ ކާމިޔާބު ކުރި ހަ ލަނޑާއެކު އޭނާއަށްވަނީ އެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރަން ބޫޓުވެސް ލިބިފައެވެ. އަދި އެމުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާވަނީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ވެސް ސޮއިކޮށްފައެވެ.

ރެއާލްއަށް 125 މެޗު ކުޅުމަށްފަހު ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާވަނީ ޖަރުމަނު ބުންޑެސްލީގާގެ ބަޔޭން މިޔުނިކަށް ވެސް ކުޅެފައެވެ. އަދި އެއަށްފަހު އިންގްލިޝް ޕްރިމިއާ ލީގުގެ އެވަޓަންއަށް ވެސް ކުޅެފައިވެއެވެ. މީގެއިތުރުން ޤަތަރުގެ އަލް ރަޔާން އާއި ގްރޫސްގެ އޮލިމްޕިއާކޯސްއަށް ވެސް ރޮޑްރިގޭޒް ކުޅެފައިވެއެވެ.