މިހާރު ސަރުކާރަށް ތާއިދުކުރާ ޕާޓީތައް ކުރިން އިދިކޮޅު ޕާޓީތަކުގެ ގޮތުގައި އޮތް އިރު އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕް (ޖޭޕީޖީ)، ޑީއާރުޕީ ނުލައި އަލުން އުފައްދައި ގްރޫޕުގެ އިސް މަގާމުތަކަށް މެމްބަރުން ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ޖޭޕީޖީގެ ބައްދަލުވުމުގައި ލީޑަރަކަށް ހޮވީ، ކުރިން ވެސް އެ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަ ކަމަށެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ލީޑަރުންނަށް ހޮވީ ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އިލްހާމް އަހުމަދެވެ.

ރިޔާޒު ވިދާޅުވީ އެ ގްރޫޕްގެ ވިޕުންގެ ގޮތުގައި ވެސް ފަސް ބޭފުޅަކު ހޮވި ކަމަށެވެ. އެއީ، ޕީޕީއެމްގެ، މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދާއި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު އަދި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތޮލިބެވެ.

ޖޮއިންޓް ޕާލަމެންޓް ގްރޫޕަކީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ކުރިން ވެސް، އޭރުގެ އިދިކޮޅު މެމްބަރުންގެ ތެރޭގައި އޮތް ގުރޫޕެކެވެ. ރިޔާޒު ވިދާޅުވީ އެ ގުރޫޕު އަލުން އުފެއްދުމުގެ ބޭނުމަކީ ސިޔާސީ މަސްރަހަށް މިހާރު ބަދަލުތަކެއް އައިސްފައި ވުމާ އެކު ހަރަކާތްތެރި ގޮތެއްގައި އެ ގްރޫޕްގެ މަސައްކަތް ކުރުން ކަމަށެވެ.

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ތަންކޮޅެއް ކުރިން ވިދާޅުވެފައި ވަނީ ސަރުކާރާ އެކު މަސައްކަތް ކުރުމަށް ޖޮއިންޓް ޕާލަމެންޓް ގްރޫޕެއް އުފެއްދުމަކީ ބޭނުން ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ޑީއާރުޕީގެ މިހާރުގެ ސްޓޭންޑް ސާފުކުރުމަށް އެ ޕާޓީއާ އަދި ވަނީ ގުޅޭ ގޮތް ނުވެފަ އެވެ.