ސ.ހިތަދޫގެ ގެއެއްގައި ގެންގުޅޭ ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމަށް ފަހު ފައިސާތަކެއް ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫ ގެއެއްގައި ގެންގުޅޭ އެމީހާއަށް މިދިޔަ ހޯމަ ދުވަހުގެރޭ ބަޔަކު ހަމަލާދީ އޭނާގެ ވޮލެޓްގައި އޮތް އެއްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާއަށް ހަމަލާދީފައި ވަނީ އޭނާ މަސައްކަތްކުރާ ފިހާރައިން އެއްޗެހިތަކެއް ގެއަކަށް ޑެލިވަރކޮށްދޭން ބައިސްކަލުގައި ދަނިކޮށް އޭނާ ހުއްޓުވާ ތޫނު އެއްޗަކުން އޭނާ އަށް ބިރުދެއްކުމަށް ފަހު ކަމަށެވެ. އަދި ބަންގްލަދޭޝްގެ އެމީހާގެ އަތުގައި އޮތް ވޮލެޓް އަތުލާ އެ ފިހާރައިގެ ފައިސާތައް ވެސް އެމީހުން އަތުލައިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އޭނާގެ ކަނާތު ކަންފަތުން އިންޗިއެއްހާތަން ކަފާލައި އަދި ކަނާތުގެ އިނގިއްޔެއް ވެސް ކަފާލާފައިވާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެމައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.